ކަލައިދޫ ޑަބްލިޔުޑީސީ ކައިރިން އެއްވަރުކޮށް ގަމު ޑަބްލިޔުޑީސީ އަށް އެއްވަނަ

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި މިއަދު ހަވީރު ކަލައިދޫ ޑަބްލިޔުޑީސީ ކައިރިން އެއްވަރުކޮށް، ގަމު ޑަބްލިޔުޑީސީން ގުރޫޕުގެ އެއްވަނަ ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 10-10 ގެ ނަތީޖާއަކުންނެވެ. މިއާއެކު، ގުރޫޕު ”ބީ“ ގެ ހުރިހައި މެޗެއް ވަނީ ނިމިފަ އެވެ. ހަތަރު ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ލިބުނީ ގަމު ޑަބްލިޔުޑީސީ އަށެވެ. އަދި ދެ ޕޮއިންޓާއެކު ދެވަނަ ލިބުނީ ކަލައިދޫ ޑަބްލިޔުޑީސީ އަށެވެ.
ގަމު ޑަބްލިޔުޑީސީން މިއަދު މެޗަށް ނިކުތްއިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އާމިނަތު އިބާ އިބްރާހިމް ކުޅެފައެއް ނުވެއެވެ. މެޗު ފެށުނީއްސުރެ ގިނަ ވަގުތު ލީޑު ނަގައިގެން ކުޅެފައިވަނީ ގަމު ޑަބްލިޔުޑީސީންނެވެ. ނަމަވެސް، ހާފުގެ ފަހުކޮޅު، ކަލައިދޫ ޑަބްލިޔުޑީސީން ވަނީ ކުޅުން ރަނގަޅުކޮށް، ފަރަގު ކުޑަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު 7-6 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ ގަމު ޑަބްލިޔުޑީސީންނެވެ.
ދެވަނަ ހާފު ފެށިގެން ކަލައިދޫ ޑަބްލިޔުޑީސީން ވަނީ ކުޅުން ރަނގަޅުކޮށް، ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. ނަމަވެސް، މެޗު ނިމެން ކައިރިވެފައިވަނިކޮށް، ގަމު ޑަބްލިޔުޑީސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި މެޗުގައި ގަމު ޑަބްލިޔުޑީސީން ފޮނުވާލި ގިނަ ހަމަލާތައް، ކަލައިދޫ ޑަބްލިޔުޑީސީގެ ކީޕަރު، ސާރާ އިބްރާހިމް އިސްމާއިލް ވަނީ ދިފާއުކޮށްފަ އެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ސާރާ އެވެ.
މި މެޗުގައި ގަމު ޑަބްލިޔުޑީސީގެ މަރިޔަމް މިޝްގާ މޫސާ ވަނީ ހަ ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، އާއިޝަތު ޝަހާ ޝަރީފް ތިން ލަނޑު ޖަހާފައިވާއިރު، އާއިޝަތު ޒައިކާ ވަނީ ލަނޑެއް ޖަހާފަ އެވެ.
ކަލައިދޫ ޑަބްލިޔުޑީސީގެ ފާތިމަތު ރީނާ އާއި ރުގިއްޔާ ސިތާރާ ވަނީ ތިން ލަނޑު ޖަހާފަ އެވެ. އަނެއް ހަތަރު ލަނޑު ޖެހީ އާފިޔަތު އުލާ، މަރިޔަމް ޝަހާ، ފާތިމަތު ހައްސާނާ އަދި އަޒީމާ ސަލީމް އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗުތައް ވަނީ ކެންސަލް ކޮށްފަ އެވެ.