ގޯޅި ބަލިކޮށް، އައުޓްރީފަށް ގުރޫޕުގެ އެއްވަނަ

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށް، އައުޓްރީފް ސްޕޯޓްސް ކްލަބުން ގުރޫޕު ”އޭ“ ގެ އެއްވަނަ ހޯދައިފި އެވެ.
އަންހެން ޑިވިޝަނުގެ ގުރޫޕް ސްޓޭޖު މެޗުތައް ކުޅެނިމުނުއިރު، ނުވަ ޕޮއިންޓާއެކު އެއްވަނަ ލިބުނީ އައުޓްރީފަށެވެ. އަދި ހަ ޕޮއިންޓާއެކު ދެވަނަ ލިބުނީ ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އަށެވެ. މިއާއެކު ސެމީ ފައިނަލުގައި އައުޓްރީފް ބައްދަލުކުރާނީ ކަލައިދޫ ޑަބްލިޔުޑީސީ އާއެވެ. އަދި ޖީއާރުއެޗް ނިކުންނާނީ ގަމު ޑަބްލިޔުޑީސީ އާ ދެކޮޅަށެވެ.
މިއަދު ހަވީރު މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުން އައުޓްރީފުން ގޯޅި ބަލިކުރީ 19-9 ގެ ނަތީޖާއަކުންނެވެ. އައުޓްރީފުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ފާތިމަތު ޖުނާ މި މެޗުގައި ކުޅެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، 9-3 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ އައުޓްރީފުންނެވެ.
ދެވަނަ ހާފުގައި އައުޓްރީފުން 10 ލަނޑު ޖެހިއިރު، ގޯޅިން ވަނީ ހަ ލަނޑު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، އައުޓްރީފްގެ ތޫބާ ބިންތި އަހުމަދު ވަނީ ހަ ލަނޑު ޖަހާފަ އެވެ. އަދި އެ ޓީމުގެ އާމިނަތު ރާއިދާ ހަތަރު ލަނޑު ޖަހާފައިވާއިރު، ފާތިމަތު ޒީކް އަބްދުލް މުހުސިން އާއި އާމިނަތު ސާއީ އަލީ ޝަމީމް އިންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ތިން ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، އެ ޓީމުގެ ފާތިމަތު ސަމާހަތު ދެ ލަނޑު އަދި އޫޝިޔާ އަހުމަދު ވަނީ އެއް ލަނޑު ޖަހާފަ އެވެ.
ގޯޅި ޓީމުގެ ފާތިމަތު ރިޝްފާ ހަތަރު ލަނޑު ޖަހާފައިވާއިރު، ހައްވާ ޒާހިރާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކުރީ އާއިޝަތު ރާއިފާ، ރަނާ އަހުމަދު އަދި ހައްވާ ޝަމްވީލާ އެވެ.
އައުޓްރީފާއި ކަލައިދޫ ޑަބްލިޔުޑީސީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 ގައެވެ. އަދި ޖީއާރުއެޗާއި ގަމު ޑަބްލިޔުޑީސީ ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ރޭ 21:25 ގައެވެ.