ރާއިދުގެ މޮޅު ކުޅުމާއެކު ޖީއާރުއެޗް ބަލިކޮށް، ގޯޅިއަންސް ފައިނަލަށް

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ ސެމީ ފައިނަލުގައި، ރާއިދު ރަޝީދުގެ މޮޅު ކުޅުމާއެކު، ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) ބަލިކޮށް، ގޯޅިއަންސް ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ބުރުން އެއްވަނަ ހޯދައި، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (ކޭއޭސީއެލް) ވަނީ ސީދާ ފައިނަލުން ޖާގަ ހޯދާފަ އެވެ. އެ ބުރުގައި ގޯޅިއަންސް އިން ޖީއާރުއެޗް ބަލިކުރީ 25-20 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު ސެމީ ފައިނަލް މެޗުން ގޯޅިއަންސް މޮޅުވީ 34-21 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ގޯޅިއަންސްގެ ރާއިދު ވަނީ 17 ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، ޝިޔާން ޝާފިއު (އެޓޫ)، އަލީ އަޖުމަލް (އަޖޭ) އަދި އިބްރާހިމް އަޒްހާން ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އަދި މުއާން އިބްރާހިމް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ އަހުމަދު އަތީފް، އަހުމަދު ނާސިފް (ޖޯން) އަދި ހަސަން ސޮލާހު އެވެ.
ޖީއާރުއެޗުގެ މުހައްމަދު ރަޝީދު (ޓޭޓު) ހަ ލަނޑު ޖެހިއިރު، ޒައިދު މުހައްމަދު ތައުފީގު ވަނީ ފަސް ލަނޑު ޖަހާފަ އެވެ. އަދި ފަހުދު އަދުނާން (ފަހުއްޓޭ) ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ފަސް ލަނޑު ޖެހީ ހަސަން ފަރީދު، ލިވާން އަނީސް އަލީ (ލީކޮ)، މުހައްމަދު ހަލީލް، ޔޫނުސް އަލީ ޔޫސުފް އަދި މުހައްމަދު ނިމާލް (ޕެޓު) އެވެ.
ގޯޅިއަންސް އާއި ކޭއޭސީއެލް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ. ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން، 28-26 ގެ ނަތީޖާއަކުން މޮޅުވީ ކޭއޭސީއެލް އެވެ.