އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖީއާރުއެޗަށް، އެންމެ މޮޅު ކުޅުންތެރިޔަކަށް އައިނާޝް

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި، އައުޓްރީފް ސްޕޯޓްސް ކްލަބް ބަލިކޮށް، ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ލ.އަތޮޅުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ކްލަބްތަކަށް ހުޅުވާލައިގެން ލ.ގަމުގައި ބޭއްވި މި މުބާރާތުގެ ދެ ޑިވިޝަނުގެ ފައިނަލް މެޗު ކުޅެފައިވަނީ ރޭ މަތިމަރަދޫ ދަނޑުގަ އެވެ. މި މުބާރާތުގެ ފައިނަލް މެޗުތަކާއި، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ގަމު ދާއިރާގެ އިއްޒަތްތެރި މެމްބަރު، ޔޫސުފް ނަޝީދު (ޔޫތު) އެވެ.

ޖީއާރުއެޗުން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދީ ސެމީ ގައި ގަމު ޑަބްލިޔުޑީސީ ބަލިކުރުމަށްފަހު އެވެ. އަދި އައުޓްރީފުން ވަނީ ސެމީ ގައި ކަލައިދޫ ޑަބްލިޔުޑީސީ ބަލިކޮށްފަ އެވެ. އައުޓްރީފާއި ޖީއާރުއެޗް ވަނީ ގުރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފަ އެވެ. އެ މެޗުން، އައުޓްރީފުން ވަނީ 20-17 ގެ ނަތީޖާއަކުން ޖީއާރުއެޗް ބަލިކޮށްފަ އެވެ. ރޭ ކުޅުނު ފައިނަލް މެޗުން ޖީއާރުއެޗް މޮޅުވީ 10-9 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ދެ ޓީމުންވެސް ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. އެގޮތުން، ދެ ޓީމުގެ ގޯލްކީޕަރުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު، 8-3 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނި ޖީއާރުއެޗުންނެވެ.

ދެވަނަ ހާފު ފެށިގެން، އައުޓްރީފުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އެއް ލަނޑަށް ފަރަގު ކުޑަކޮށްފަ އެވެ. މި ހާފުގައި އައުޓްރީފުން ހަ ލަނޑު ޖެހިއިރު، ޖީއާރުއެޗަށް ޖެހުނީ ދެ ލަނޑެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އައުޓްރީފަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ޖީއާރުއެޗުގެ އާމިނަތު ލިއުޝާ ހަތަރު ލަނޑު ޖެހިއިރު، މަރިޔަމް ޝިފްނާ އާއި އާމިނަތު އައިނާޝް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ ފާތިމަތު މަޒިއްޔާ އާއި މަރިޔަމް ޝިޒާނާ އެވެ.

އައުޓްރީފްގެ އާމިނަތު ރާއިދާ ތިން ލަނޑު ޖެހިއިރު، އާމިނަތު ސާއީ އަލީ ޝަމީމް އާއި ފާތިމަތު ސަމާހަތު ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ތޫބާ ބިންތި އަހުމަދު އާއި ފާތިމަތު ޒީކް އަބްދުލް މުހުސިން އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއާރުއެޗުގެ ޝިފްނާ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ގަމު ޑަބްލިޔުޑީސީ އެވެ. އަދި އުއްމީދީ ކުޅުންތެރިޔަކީ ގަމު ޑަބްލިޔުޑީސީގެ މަރިޔަމް މިޝްގާ މޫސާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީއާރުއެޗުގެ އައިނާޝް އެވެ. ގަދަ ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އައިނާޝްގެ އިތުރުން، އެ ޓީމުގެ ޝިފްނާ، ސަނާ، ޝިޒާނާ، އައުޓްރީފްގެ ތޫބާ، ސާއީ އަދި ޖެނިފާ އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޖީއާރުއެޗުގެ މުހައްމަދު މުއީނެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments