ގޯޅިއަންސް ބަލިކޮށް، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކޭއޭސީއެލް އަށް

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި، ގޯޅިއަންސް ބަލިކޮށް، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (ކޭއޭސީއެލް) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ލ.އަތޮޅުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ކްލަބްތަކަށް ހުޅުވާލައިގެން ލ.ގަމުގައި ބޭއްވި މި މުބާރާތުގެ ދެ ޑިވިޝަނުގެ ފައިނަލް މެޗު ކުޅެފައިވަނީ ރޭ މަތިމަރަދޫ ދަނޑުގަ އެވެ. މި މުބާރާތުގެ ފައިނަލް މެޗުތަކާއި، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ގަމު ދާއިރާގެ އިއްޒަތްތެރި މެމްބަރު، ޔޫސުފް ނަޝީދު (ޔޫތު) އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން، 28-26 ގެ ނަތީޖާއަކުން މޮޅުވީ ކޭއޭސީއެލް އެވެ. ރޭ ކުޅުނު ފައިނަލް މެޗުން ކޭއޭސީއެލް މޮޅުވީ 29-28 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، 16-12 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ ކޭއޭސީއެލް އިންނެވެ.

ދެވަނަ ހާފު ފެށިގެން، ގޯޅިއަންސް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗު ނިމެން 15 ސިކުންތަށްވީއިރުވެސް، ދެ ޓީމު ވަނީ 28-28 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މެޗު ނިމެން ކުޑަ ސިކުންތުކޮޅަކަށް ވެފައިވަނިކޮށް، ކޭއޭސީއެލް މޮޅުކޮށްދިނީ އިބްރާހިމް ހައިޝަމް އަބްދުﷲ އެވެ.

މި މެޗުގައި ކޭއޭސީއެލްގެ އަހުމަދު ނަޖީބު (ޑަންކު) 12 ލަނޑު ޖެހިއިރު، ހައިޝަމް ވަނީ 11 ލަނޑު ޖަހާފަ އެވެ. އަދި މުހައްމަދު އައިމަން ޝަކީބް ވަނީ ތިން ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ހުސައިން އަބްދުލް މަޖީދާއި އަބްދުލް މަތީން އަލީ (މައްޗޭ) އެވެ.

ގޯޅިއަންސް ގެ ރާއިދު ރަޝީދާއި އިބްރާހިމް އަޒްހާން ވަނީ 11 ލަނޑު ޖަހާފަ އެވެ. އަދި އަހުމަދު ހަލީމް (އައްމަޑޭ) އާއި އަލީ އަޖުމަލް (އަޖޭ) ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ހުސައިން އަޒުމީ އާއި އަހުމަދު އަތީފް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭއޭސީއެލްގެ ހައިޝަމް އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވައްޓަފާޅި ސްޕޯޓްސް ކްލަބެވެ. އަދި އުއްމީދީ ކުޅުންތެރިޔަކީ ގޯޅިއަންސްގެ އަޖޭ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭއޭސީއެލްގެ ޑަންކު އެވެ. ގަދަ ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޑަންކުގެ އިތުރުން، އެ ޓީމުގެ ހައިޝަމް، މުހައްމަދު މަހުދީ، އިބްރާހިމް ނާއިފް، ގޯޅިއަންސްގެ ރާއިދު، އަހުމަދު ނާސިފް (ޖޯން) އަދި ޖީއާރުއެޗުގެ ޒައިދު މުހައްމަދު ތައުފީގު އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ކޭއޭސީއެލްގެ ޝާހިދު މުހައްމަދު އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments