ޤައުމަށް މެޑަލް ހޯދައިދިން ޓީމުގައި ލ.އަތޮޅު ފަސް ކުޅުންތެރިން، މުޅި އަތޮޅަށް ބޮޑު ފަޚުރެއް

ރޭ ރާއްޖޭގައި ނިމުނު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕުން ރާއްޖެއިން ރިހި މެޑަލް ހޯދިއިރު، ލ. އަތޮޅު ފަސް ކުޅުންތެރިން ޓީމުގައި ހިމެނި، މުޅި އަތޮޅު ފަޚުރުވެރިވާ ފަދަ ކުޅުމެއް ދައްކައި، ލ.އަތޮޅަށް ރީތި ނަމެއް ހޯދަދީފި އެވެ.

ހަތަރު ޤައުމަކުން ވާދަކުރި މި މުބާރާތް ފެށުނީއްސުރެ، ޤައުމީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ރާއްޖެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ތަޖިކިސްތާން ބަލިކުރުމަށްފަހު އެވެ.

ރާއްޖެ އަށް ރިހި މެޑަލް ލިބުނީ، ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 3-2 ސެޓުން ކިރްގިސްތާން އަތުން ބަލިވުމުންނެވެ.

ޤައުމީ ޓީމުގައި ހިމެނޭ ލ. އަތޮޅު ކުޅުންތެރިންނަކީ، ގަމު، ޢާއިޝަތު މާޖިދާ (މާޖީ) އާއި ހައްވާ ރާޝިދާ (ހައްވަ) ގެ އިތުރުން މާބައިދޫ، ޔާޝާ ޔޫސުފް، ފާތިމަތު އަނާލް އަދި އާމިނަތު މާނާ ނާޒިމް އެވެ.

މާޖީ އާއި ހައްވަ އަކީ ޤައުމީ ޓީމުގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނެވެ. އެގޮތުން، ދެ ކުޅުންތެރިންނަކީވެސް މެޗު ފަށާއިރު އަރާ ދެ ކުޅުންތެރިންނެވެ. މުޅި މުބާރާތުގައި މި ދެ ކުޅުންތެރިންގެ ފަރާތުން ބާރު ހަމަލާތަކާއި، މޮޅު ޑިފެންސްތައް ވަނީ ފެނިފަ އެވެ. މީގެއިތުރުން، ޤައުމީ ޓީމުގެ ކެޕްޓަން އަކީ ހައްވަ އެވެ. މިއީވެސް ލ.އަތޮޅަށް ލިބޭ އިތުރު ޝަރަފެކެވެ.

މި މުބާރާތުގައި ޔާޝާ ފާހަގަ ވެފައިވަނީ މޮޅު މިޑިލް ބްލޮކަރެއްގެ ގޮތުގަ އެވެ. އެގޮތުން، ޔާޝާ ވަނީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. ކިރްގިސްތާން ކުޅުންތެރިންގެ ބާރު ހަމަލާތައް ބްލޮކް ކުރުމުގައި ޔާޝާގެ ދައުރު ބޮޑެވެ.

އަނާލް އާއި މާނާ އަކީ ޤައުމީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނެވެ. އެގޮތުން، އަނާލް ގެ އުމުރަކީ 23 އެވެ. އަދި މާނާގެ އުމުރަކީ އެންމެ 17 އަހަރެވެ. ޒުވާން އުމުރުގައި، ޤައުމީ ޓީމާއެކު މި ދެ ކުޅުންތެރިންވެސް ވަނީ ރަނގަޅު ތަޖުރިބާތަކެއް ހޯދާފަ އެވެ. އެގޮތުން، ދެ ކުޅުންތެރިންވެސް ވަނީ ލީގު ބުރުގައި ކުޅެފަ އެވެ.

އެންމެ ފަހުން އެކުލަވާލި، 20 އަހަރުން ދަށުގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގައިވެސް ލ.އަތޮޅު ހަތް ކުޅުންތެރިން ހިމެނުނެވެ. މިއާއެކު، ލ.އަތޮޅުގައި ވޮލީބޯޅަ އަށް އޮތް ޝައުގުވެރިކަމާއި ލޯބި ފެނިގެން ދެޔެވެ. އަދި މުސްތަޤުބަލުގައިވެސް، ޤައުމަށް ރީތި ނަން ހޯދައިދޭ ޓީމުގައި ލ.އަތޮޅު ކުޅުންތެރިން ތިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ހުސެން
ހުސެން
7 months ago

ތިކަން ސަރުކާރަކައް ނޭގޭ އެހެން މިބުނީ މުޅިލާމު އަތޮޅުނަވެސް އެއްވެސް ތަނެއްގަ ވޮލީކޯޓެއްނެއް