ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގެ މީޑިއާ ޕާޓްރަނަކަށް ލާމު އެމްވީ

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް 2024 ގެ މީޑިއާ ޕާޓްނަރަކަށް ”ލާމު އެމްވީ“ ހަމަޖައްސައިފި އެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމު ކުރާނީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) ގެ ފަރާތުންނެވެ. ބީޖީއެސްސީ އާއި ލާމު އެމްވީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، މި މުބާރާތުގެ ހުރިހައި އަދާހަމަ އެއް ލާމު އެމްވީ އިން ގެނެސްދޭނެ އެވެ.
މި މަހު 28 ވަނަ ދުވަހު ހިތަދޫ ފުޓުބޯޅަ ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ހިތަދޫ ކައުންސިލްގެ ފަސްވަނަ ފުޓުބޯޅަ މުބާރާތެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ބީޖީއެސްސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އިންނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިޔަށް ދާނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.
މުބާރާތުގެ ދިފާއީ ޗެމްޕިއަން، ޖީޖީއެސްސީން ވަނީ މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިވެފަ އެވެ. ޖީޖީއެސްސީގެ އިތުރުން، މި މުބާރާތުގައި ވާދަކުރާނީ ފެކްޝަން ޗެލެންޖް، ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ)، ބީޖީ ސްޕޯޓްސް ކްލަބް އަދި ފެކްޝަން ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ގަވައިދުގައިވާ ގޮތުގެ މަތިން، މުބާރާތުގައި ކުޅެވޭނީ ހިތަދުއަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. ނަމަވެސް، ކޮންމެ ޓީމެއްގައިވެސް، ބިދޭސީ ކުޅުންތެރިން ހިމެނޭހެން، ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނިދާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މުބާރާތުގައި ބިދޭސީ ކުޅުންތެރިންވެސް ފެނިގެންދާނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ އިރު، ރަނަރަޕް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންމެ ބޮޑު އެއް ސްޕޯންސަރަކީ އަރަފާ ޓްރޭޑާސް އެވެ.