ސާޓާގެ ލީޑިންގ ބަޖެޓް ހޮޓެލް ގޯލްޑް އެވޯޑް ރިވެރީސް އަށް

ދެކުނު އޭޝިއާ ސަރަހައްދުގައިދޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ)ގެ ލީޑިންގ ބަޖެޓް ހޮޓެލް ގޯލްޑް އެވޯޑް، ލ. ގަމުގައި ހިންގާ ރިވެރީސް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
ރިވެރީސް އަށް މި އެވޯޑު ލިބިފައިވަނީ އެކަމަށް ޚާއްޞަކޮށް، މިއަދު ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ، ދަ މާލާ ހޮޓެލް ގައި ބޭއްވި ހަފްލާއެއްގަ އެވެ. ރިވެރީސްގެ ފަރާތުން މި އެވޯޑާ ހަވާލުވީ، ޖެނެރަލް މެނޭޖަރ، އައްބާސް އިބްރާހިމް އެވެ.
ރިވެރީސް އަކީ ލ.އަތޮޅުގައި ހިންގާ ގެސްޓްހައުސް ތަކުގެ ތެރެއިން، އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ގެސްޓްހައުސް އެވެ. އަދި މިއީ މުޅި ރާއްޖެއަށް ބަލާއިރުވެސް، ފާހަގަކޮށްލެވޭ ފެންވަރު ރަނގަޅު ގެސްޓްހައުސް އެކެވެ. ޚިދުމަތުގައި 12 އަހަރު ވެފައިވާއިރު، ރިވެރީސް އިން ވަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ ގިނަ އެވޯޑުތަކެއް ހޯދާފަ އެވެ.
ރިވެރީސް އިންވަނީ 2020،2019،2018،2017 އަދި 2022 ވަނަ އަހަރުގެ ސާޓާ އެވޯޑްސްގެ ލީޑިންގ ގެސްޓްހައުސް ގޯލްޑް އެވޯޑް ހޯދާފަ އެވެ. މީގެއިތުރުން، ރިވެރީސް އިންވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ސާޓާ ލީޑިންގ ބުޓިކް ހޮޓެލް/ރިސޯޓް ސިލްވާ އެވޯޑު ހޯދާފަ އެވެ. ސާޓާ އެވޯޑުގެ އިތުރުން، ރިވެރީސް އިން ވަނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެވޯޑު ތަކާއި، ޓްރިޕް އެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑު އެކި ފަހަރުމަތިން ޙާޞިލްކޮށްފަ އެވެ.
މިއަހަރުގެ ސާޓާ އެވޯޑް ހަފްލާގައި، ސައުތު އޭޝިއާގެ ދަތުރުފަތުރުގެ ދާއިރާއިން 200 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.