ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް މާދަމާ ފަށަނީ، ފުރަތަމަ މެޗުގައި ފެކްޝަން ދެ ޓީމުގެ ކުރިމަތިލުމެއް

ހައްދުންމަތީ ހިތަދޫ ކައުންސިލުން ކުރިޔަށްގެންދާ، ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް 2024، މާދަމާ ފެށުމަށް ތައްޔާރުވެފައިވާއިރު، ފުރަތަމަ މެޗުގައި ފެކްޝަން ޗެލެންޖާއި ފެކްޝަން ސްޕޯޓްސް ކްލަބް ކުޅެން ޖެހިއްޖެ އެވެ.
ފަސް ޓީމަކުން ބައިވެރިވި މި މުބާރާތުގެ ގުރު ނަގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި މުބާރާތުގެ ފުރަތަމަ ބުރު، ލީގު އުސޫލުން ކުރިޔަށްދާއިރު، ފައިނަލުން ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަށެވެ. ފުރަތަމަ ބުރުގެ މެޗުތައް ނިމޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނުވަވަނަ ދުވަހު އެވެ.
ހިތަދޫ ފުޓުބޯޅަ ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ކުޅޭނީ އެއް މެޗެވެ. މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައެވެ.
ފުރަތަމަ މެޗުގައި ފެކްޝަންގެ ދެ ޓީމު ކުޅުމަށް ހަމަޖެހިފައިވާއިރު، އާދީއްތަ ދުވަހު ބީޖީ ސްޕޯޓްސް ކްލަބް ނިކުންނާނީ ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) އާ ދެކޮޅަށެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހަވީރު އެވެ. ބައްދަލުކުރާނީ ފެކްޝަން އެސްސީ އާއެވެ.
މިއަހަރުގެ މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ ބީޖީއެސްސީ އެވެ. މެއިން ސްޕޯންސަރަކީ އަރަފާ ޓްރޭޑާސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ. މުބާރާތުގެ އެހެނިހެން ޕާޓްނަރުން ތެރޭގައި ހިމެނެނީ، ޖޮޒީ އެމްވީ، ރިއަލް ޖާޒީ، ކޯޒީ ކޯނާ އަދި ލޫޒާ އެވެ.