ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ސީދާ ތިން ސެޓުން އަމިގޯސް ބަލިކޮށް، އަކިރިކޮޅަށް އުއްމީދީ ފެށުމެއް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި ސީދާ ތިން ސެޓުން އަމިގޯސް ބަލިކޮށް، އަކިރިކޮޅު ސްޕޯޓްސް ކްލަބުން އުއްމީދީ ފެށުމެއް ހޯދައިފި އެވެ.
އަމިގޯސް އަކީ ގަމު މަތިމަރަދޫ ޓީމެކެވެ. އަދި އަކިރިކޮޅަކީ މާވަށަށް ނިސްބަތްވާ ޓީމެކެވެ. މި ދެ ޓީމު ހިމެނެނީ ގުރޫޕު ”ބީ“ ގައެވެ.
ގުރޫޕު ”ބީ“ ގައި ހިމެނެނީ އަމިގޯސް އާއި އަކިރިކޮޅުގެ އިތުރުން ޓީކޭ އެސްސީ، އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އަދި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އެވެ. ޓީކޭ އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އައިވައިޔޫ ބަލިކޮށްފަ އެވެ.
ފޮނަދޫ މެދުއަވަށު ކޯޓުގައި ރޭ ކުޅުނު މެޗުގައި އަކިރިކޮޅުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، އަކިރިކޮޅުގެ ހަދީޖާ ޝިފްލާ ފޮނުވާލި ހަމަލާތައް ރިސީވް ކުރުމަށް އަމިގޯސް ކުޅުންތެރިންނަށް ވަނީ އުނދަގޫ ވެފައެވެ.
އަކިރިކޮޅުން ފުރަތަމަ ދެ ސެޓުވެސް ކާމިޔާބުކުރީ 25-17 އިންނެވެ. އަދި ތިންވަނަ ސެޓުގައި އަމިގޯސްގެ ގިނަ ސާވިސް ތަކެއް ނެޓަށް އަމާޒުވިއިރު، އަކިރިކޮޅުން ސެޓު ކާމިޔާބުކުރީ 25-12 އިންނެވެ.
މި ގުރޫޕުގެ މެޗެއް، ހޯމަ ދުވަހުގެ ރޭގައިވެސް ކުޅޭނެ އެވެ. ބައްދަލުކުރާނީ އައިވައިޔޫ އާއި މާޔާ އެވެ.