ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ފެކްޝަން އެސްސީ ބަލިކޮށް، ޗެމްޕިއަން ޖީޖީއެސްސީން ފެށުން ރަނގަޅުކޮށްފި

މިހާރު ކުރިޔަށްދާ ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، 3-1 ގެ ނަތީޖާއަކުން ފެކްޝަން ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަން ޖްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިއީ މިއަހަރުގެ މުބާރާތުގައި ޖީޖީއެސްސީން ކުޅުނު ފުރަތަމަ މެޗެވެ. އަދި ފެކްޝަން އެސްސީގެ ދެވަނަ މެޗެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދާފަ އެވެ.

ހިތަދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަކީ މިހާތަނަށް މި މުބާރާތުގައި އެންމެ ވާދަވެރި މެޗެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖީޖީއެސްސީން ވަނީ ލަނޑު ޖަހައި ކުރިހޯދާފަ އެވެ.

ދެވަނަ ހާފު ފެށިގެން، ފެކްޝަން އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވީ، މެޗުގެ 74 ވަނަ މިނެޓުގައި، ބިދޭސީ ކުޅުންތެރިޔާ ހަލީލް ޖަމާލް ޖެހި ލަނޑާއެކު އެވެ.

ޖީޖީއެސްސީން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށެވެ. އަދި އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު އެ ޓީމުން ވަނީ ތިން ޕޮއިންޓު ކަށަވަރުކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޖީއެސްސީގެ އަހުމަދު ނޫމާން (ހެލްމެޓު) އެވެ. ގައުމީ ޓީމުގައި ހިމެނޭ މި ކުޅުންތެރިޔާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ އަހުމަދު ސޮބާހު (ސޯޓޭ) އެވެ.

މުބާރާތުގެ ހަތަރުވަނަ މެޗުގައި މާދަމާ ފެކްޝަން ޗެލެންޖް ނިކުންނާނީ ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަން (ހައިޑްރާ) އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments