ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ބިގް ޝޮޓް އަތުން އެފްއެސްޑަބްލިޔު އަށް ފަސޭހަ މޮޅެއް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި ބިގް ޝޮޓް އަތުން އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބުން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
މިއީ މިއަހަރުގެ މުބާރާތުގައި މި ދެ ޓީމުންވެސް ކުޅުނު ފުރަތަމަ މެޗެވެ. ބިގް ޝޮޓް އަކީ ފޮނަދުއަށް ނިސްބަތްވާ ޓީމެކެވެ. އަދި އެފްއެސްޑަބްލިޔު އަކީ ގަމު މުކުރިމަގު ޓީމެކެވެ. މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާ މި ޓީމުގައި، މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާއިޝަތު މާޖިދާ (މާޖީ) އާއި ރާއްޖޭގެ އެންމެ މޮޅު ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު (ޖޫޒް) ހިމެނެއެވެ.
އެފްއެސްޑަބްލިޔު އިން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގައި ބިގް ޝޮޓަށް ދިމާވި އެންމެ ބޮޑު މައްސަލަޔަކީ، އެފްއެސްޑަބްލިޔުގެ ސާވިސް ތަކާއި، އެ ޓީމު ކުޅުންތެރިންގެ ބާރު ހަމަލާތައް ރިސީވް ނުކުރެވުމެވެ.
މި މެޗުގައި މާޖީ އާއި ޖޫޒް ވަނީ ގިނަ ޕޮއިންޓް ތަކެއް ހޯދާފަ އެވެ. އެފްއެސްޑަބްލިޔުގެ ސެޓަރަކަށް، ފާތިމަތު މަޒިއްޔާ ކުޅުމުން، ޖޫޒް ފެނިފައިވަނީ ބޮޑަށް އެޓޭކިން ރޯލެއްގަ އެވެ.
އެފްއެސްޑަބްލިޔު އިން ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ 25-7 އަދި 25-11 އިންނެވެ. ތިންވަނަ ސެޓުގައި އެ ޓީމުން ބަދަލުތަކެއް ކޮށްފައިވާއިރު، ބިގް ޝޮޓުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. މެޗުގެ ތިންވަނަ ސެޓު އެފްއެސްޑަބްލިޔު އިން ކާމިޔާބުކުރީ 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްއެސްޑަބްލިޔުގެ ކެޕްޓަން، މާޖީ އެވެ.
މި ގުރޫޕުގެ ފުރަތަމަ މެޗުގައި ރޭ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕު (ކިންގް) އިންވަނީ ފެކްޝަން ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.