ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އަކިރިކޮޅު ބަލިކޮށް، ޓީކޭ ސެމީ އާ ގާތަށް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި ރޭ އަކިރިކޮޅު ސްޕޯޓްސް ކްލަބް ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބުމް ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މި ދެ ޓީމުންވެސް ވަނީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން، ސެމީގެ ފުރުސަތު ބޮޑު ކުރުމަށް ދެ ޓީމަށްވެސް މެޗުން މޮޅުވުން މުހިންމެވެ.
ޓީކޭ ޓީމުގައި ހިމެނޭ ގައުމީ ޓީމު ކުޅުންތެރިއެއް ކަމުގައިވާ، އާމިނަތު ޝަހާ ޝާމިން ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އޭނާ މި މެޗު ނުކުޅުނީ އަނިޔާގެ ސަބަބުން ރެސްޓު ކުރުމަށެވެ.
ފޮނަދޫ މެދުއަވަށު ކޯޓުގައި ރޭ ކުޅުނު މެޗުން ޓީކޭ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގައި ޓީކޭ އިން ތަފާތު ދެއްކީ ގައުމީ ޓީމު ދެ ކުޅުންތެރިން ކަމުގައިވާ އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ސަމްހާ އެވެ. މި ދެ ކުޅުންތެރިންގެ ބާރު ހަމަލާތައް، އަކިރިކޮޅު ޓީމަށް ރިސީވް ކުރެވިފައެއް ނުވެއެވެ. އަދި ސަމްހާ ވަނީ ސާވިސް އިން ގިނަ ޕޮއިންޓުތަކެއް ހޯދާފަ އެވެ. ގައުމީ ޓީމުގައިވެސް ސަމްހާ މަޝްހޫރު ވެފައިވަނީ މޮޅަށް ސާވިސް ކުރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ޓީކޭ އިން މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-17، 25-18 އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީކޭގެ އަރީ އެވެ. އެ ޓީމުން ފުރަތަމަ ކުޅުނު މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަރީ އެވެ.
ޓީކޭ އިން ކުޅޭ ތިންވަނަ މެޗުގައި ނިކުންނާނީ މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އާ ދެކޮޅަށެވެ. އަދި އަކިރިކޮޅު ބައްދަލުކުރާނީ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އާއެވެ.