ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ފެކްޝަން ޗެލެންޖާއި ހައިޑްރާ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

މިހާރު ކުރިޔަށްދާ ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ފެކްޝަން ޗެލެންޖާއި ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަން (ހައިޑްރާ) ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
މި ދެ ޓީމުވެސް ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފަ އެވެ. މިއާއެކު، މުބާރާތުގައި ކުރިޔަށް ދިއުމަށް މި މެޗުން މޮޅުވުން، ދެ ޓީމަށްވެސް ވަނީ މުހިންމު ވެފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން، 13 ވަނަ މިނެޓުގައި ތަޖުރިބާކާރު މިޑްފީލްޑަރު، މުހައްމަދު އުމެއިރު ވަނީ ލަނޑެއް ޖަހައި، ހައިޑްރާ އަށް ކުރިހޯދަދީފަ އެވެ.
ފެކްޝަން އިން ވަނީ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މުސްތަފާ އިބްރާހިމް އެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ.
ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް، އެ ފުރުސަތު ތަކުގެ ބޭނުން އެއްވެސް ޓީމަކަށް ހިފިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަން އަށް ނަތީޖާ އެއްވަރު ކޮށްދިން، މުސްތަފާ އެވެ.
ބުދަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ބީޖީ ސްޕޯޓްސް ކްލަބާއި ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ބައްދަލުކުރާ މެޗެވެ. މި ދެ ޓީމުވެސް ވަނީ ފުރަތަމަ ކުޅުނު މެޗުން މޮޅުވެފަ އެވެ.