ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ކިންގް ބަލިކޮށް، ގުރޫޕުގެ އެއްވަނަ އެފްއެސްޑަބްލިޔު އަށް

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް) ބަލިކޮށް، އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބުން ގުރޫޕު ”ސީ“ ގެ އެއްވަނަ ހޯދައިފި އެވެ.
އެފްއެސްޑަބްލިޔު އާއި ކިންގު ބައްދަލުކުރި މެޗަކީ އެ ގުރޫޕުގެ ފަހު މެޗެވެ. މެޗަށް ނިކުތްއިރުވެސް، ދެ ޓީމުން ވަނީ ސެމީގެ ޖާގަ ޔަގީންކޮށްފަ އެވެ. އެފްއެސްޑަބްލިޔު އިން ވަނީ ސީދާ ތިން ސެޓުން ކިންގް ބަލިކޮށް، ޖުމްލަ ނުވަ ޕޮއިންޓު ހޯދާފަ އެވެ. ކިންގަށް ލިބުނީ ހަ ޕޮއިންޓެވެ.
ކިންގާ ދެކޮޅަށް ކުޅުނު މެޗުގައި އެފްއެސްޑަބްލިޔު އިން ސެޓުތައް ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެގޮތުން، ފުރަތަމަ ސެޓު ނެގީ 25-15 އިންނެވެ. އަދި 25-10 އިން ދެވަނަ ސެޓު ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 25-5 ގެ ނަތީޖާއަކުންނެވެ. ކުރީ ދެ މެޗެކޭ އެއްގޮތަށް، މި މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާއިޝަތު މާޖިދާ (މާޖީ) އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އެފްއެސްޑަބްލިޔު ކުޅެން ޖެހޭނީ ގުރޫޕު ”ބީ“ ގެ ދެވަނަ ޓީމާ އެވެ. އަދި ކިންގް ބައްދަލުކުރާނީ ގުރޫޕު ”ބީ“ ގެ އެއްވަނަ ޓީމާ އެވެ. އެ ގުރޫޕުގެ ޓީކޭ ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔީ) އިން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ.