ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ފިރިހެން ޑިވިޝަނުގެ ފުރަތަމަ މޮޅު، ސޭންޑްސް އޮފް ލާމަށް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި، އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް ބަލިކޮށް، ސޭންޑްސް އޮފް ލާމުން ފިރިހެން ޑިވިޝަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ތިން ޓީމެވެ. މިއާއެކު، ފިރިހެން ޑިވިޝަނުގެ މެޗުތައް ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ސޭންޑްސް އޮފް ލާމު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެފްއެސްޑަބްލިޔު އަށް ސެޓެއް ނުނެގުނު ނަމަވެސް، ޖުމްލަކޮށް ބަލާއިރު މި މެޗު ވެފައިވަނީ ވާދަވެރި މެޗަކަށެވެ.

މި މެޗުގައި އެންމެ ފޯރިގަދަވީ ފުރަތަމަ ސެޓެވެ. އެގޮތުން، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގިފައި ނުވާއިރު، ސޭންޑްސް އޮފް ލާމުން ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ.

ސޭންޑްސް އޮފް ލާމުން ވަނީ ޖެހިގެން އައި ދެ ސެޓުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ޓިމުން ދެވަނަ ސެޓު ކާމިޔާބުކުރީ 25-20 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ ސެޓު ކާމިޔާބުކުރީ 25-12 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޭންޑްސް އޮފް ލާމުގެ އަލީ މައުރޫފް އެވެ.

ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި، ހުކުރު ދުވަހުގެރޭ ސޭންޑްސް އޮފް ލާމު ނިކުންނާނީ ފޮނަދޫ ޒުވާނުންގެ ރޫހު (އެފްޒެޑްއާރު) އާ ދެކޮޅަށެވެ. ފައިނަލުގެ ޖާގަ ކަށަވަރުކުރުމަށް ސޭންޑްސް އޮފް ލާމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments