ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ފެކްޝަން ޗެލެންޖް އަތުން ބީޖީ ސްޕޯޓްސް ކްލަބަށް ބޮޑު މޮޅެއް

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، މޫސާ ހާނިމްގެ ހެޓްރިކާއެކު ފެކްޝަން ޗެލެންޖް އަތުން ބީޖީ ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދައިފި އެވެ.
މިއަދު ހަވީރު ހިތަދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ބީޖީ މޮޅުވީ 7-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ބީޖީގެ އިސްމާއިލް ޝަނޫން ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން މުހައްމަދު އަމީން ވަނީ ލަނޑެއް ޖަހައި، ބީޖީ އަށް ލީޑު ފުޅާކޮށްދީފަ އެވެ.
ހާފު ނިމެން ގާތް ވެފައިވަނިކޮށް، އަމީން އާއި އަހުމަދު އަމްޖަދު އަދި ހާނިމް ޖެހި ލަނޑާއެކު، ބީޖީން ފުރަތަމަ ހާފު ނިންމާލީ ފަސް ލަނޑުގެ ބޮޑު ލީޑަކާއެކު އެވެ.
ދެވަނަ ހާފުގައި ހާނިމް ވަނީ ދެ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ފެކްޝަންގެ ދެ ލަނޑު ކާމިޔާބުކުރީ އަހުމަދު އަޝްފާން އެވެ.
މި ނަތީޖާއާއެކު ، ބީޖީ އަށް ވަނީ ހަ ޕޮއިންޓު ލިބިފަ އެވެ. އެ ޓީމުގެ އިތުރުން، ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އާއި ފެކްޝަން ސްޕޯޓްސް ކްލަބުން ވަނީ ހަ ޕޮއިންޓު ހޯދާފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ޖީޖީއެސްސީ އާއި ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) ބައްދަލުކުރާ މެޗެވެ.