ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ސޭންޑްސް އޮފް ލާމު ބަލިކޮށް، އެފްޒެޑްއާރަށް އުއްމީދީ ފެށުމެއް

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ސޭންޑްސް އޮފް ލާމު ބަލިކޮށް، ފޮނަދޫ ޒުވާނުންގެ ރޫހު (އެފްޒެޑްއާރު) އިން ފެށުން ރަނގަޅުކޮށްފި އެވެ.

ފިރިހެން ޑިވިޝަނުގެ މެޗުތައް ބުރާސްފަތި ދުވަހުގެރޭ ފެށިއިރު، ފުރަތަމަ މެޗުގައި ސޭންޑްސް އޮފް ލާމުން ވަނީ އެފްއެސްޑަބްލިޔު އެސްސީ ބަލިކޮށްފަ އެވެ.

ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުން އެފްޒެޑްއާރު މޮޅުވީ 3-1 ސެޓުންނެވެ. މުޅި މެޗު ފެށުނީއްސުރެ ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިފައިވާއިރު، އެފްޒެޑްއާރުން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ.

ސޭންޑްސް އޮފް ލާމުން ވަނީ ކުޅުން ރަނގަޅުކޮށް، ދެވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. މެޗުގައި އެންމެ ފޯރިގަދަވި މި ސެޓު ކާމިޔާބު ކުރުމަށް ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ސޭންޑްސް އޮފް ލާމުން ސެޓު ކާމިޔާބުކުރީ 28-26 އިންނެވެ.

ފުރަތަމަ ދެ ސެޓާ ހިލާފަށް، ތިންވަނަ ސެޓުގައި ސޭންޑްސް އޮފް ލާމު ޓީމުގެ ކުޅުންތެރިން އަތުން ވަނީ ފަސޭހަ ޕޮއިންޓުތަކެއް ގެއްލިފަ އެވެ. އޭގެ ފައިދާ ނަގައި، އެފްޒެޑްއާރުން ވަނީ 25-18 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

ކާމިޔާބުކުރަން މަޖުބޫރުވި ހަތަރުވަނަ ސެޓުގައި ސޭންޑްސް އޮފް ލާމުން ވަނީ ފަހުވަގުތާ ހަމަޔަށް ހިތްވަރު ކޮށްފަ އެވެ. ނަމަވެސް، އެފްޒެޑްއާރުން ވަނީ ތަފާތު ދައްކައި، 27-25 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްޒެޑްއާރުގެ އިބްރާހިމް ފަޒީލް އެވެ.

މިއާއެކު، ފުރަތަމަ ބުރުގައި ސޭންޑްސް އޮފް ލާމުން ކުޅެން ޖެހޭ މެޗުތައް ވަނީ ނިމިފަ އެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ އެފްޒެޑްއާރާއި އެފްއެސްޑަބްލިޔު އެވެ. ފައިނަލުގެ ޖާގަތައް ކަށަވަރުވާނީ މި މެޗަށްފަހު އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments