ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ފައިނަލުގައި އެފްޒެޑްއާރާއި ސޭންޑްސް އޮފް ލާމުގެ ކުރިމަތިލުމެއް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް، ފޮނަދޫ ޒުވާނުންގެ ރޫހު (އެފްޒެޑްއާރު) އާއި ސޭންޑްސް އޮފް ލާމު ދަތުރުކޮށްފި އެވެ.
ސޭންޑްސް އޮފް ލާމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އަދި އެފްޒެޑްއާރު އަތުން އެއް ސެޓު ހޯދުމާއެކު، އެ ޓީމަށް ވަނީ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ.
އެފްޒެޑްއާރު ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 3-1 ސެޓުން ސޭންޑްސް އޮފް ލާމު ބަލިކޮށްފަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި އެ ޓީމުން އެފްއެސްޑަބްލިޔު ބަލިކުރީ ސީދާ ތިން ސެޓުންނެވެ.
ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު، އެފްޒެޑްއާރުން ކާމިޔާބުކުރީ 25-17 އިންނެވެ.
ދެވަނަ ސެޓު ފެށިގެން، އެފްއެސްޑަބްލިޔު އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. މެޗުގައި އެންމެ ފޯރިގަދަވި މި ސެޓު ކާމިޔާބު ކުރުމަށް އެފްއެސްޑަބްލިޔު އަށްވެސް ވަނީ ފުރުސަތު ލިބިފަ އެވެ. ނަމަވެސް، 27-25 އިން ސެޓު ކާމިޔާބުކުރީ އެފްޒެޑްއާރުންނެވެ.
މެޗުގެ ތިންވަނަ ސެޓު އެފްޒެޑްއާރުން ކާމިޔާބުކުރީ 25-18 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްޒެޑްއާރުގެ އިބްރާހިމް ފަޒީލް އެވެ.
އެފްޒެޑްއާރާއި ސޭންޑްސް އޮފް ލާމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ.