ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ސޯޓޭގެ ދެ ހެޓްރިކާއެކު ޖީޖީއެސްސީ އަށް ބޮޑު މޮޅެއް

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، މިއަދު ހަވީރު އަހުމަދު ސޮބާހު (ސޯޓޭ) ގެ ދެ ހެޓްރިކާއެކު ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އިން 8-0 ގެ ނަތީޖާއަކުން ފެކްޝަން ޗެލެންޖް ބަލިކޮށްފި އެވެ.

މެޗަށް ނިކުތްއިރުވެސް ޖީޖީއެސްސީން ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބުނީ ފެކްޝަން ސްޕޯޓްސް ކްލަބަށެވެ. މިއަދުގެ މެޗުން މޮޅުވެ، ޖީޖީއެސްސީ ފައިނަލަށް ދަތުރުކުރީ ފުރިހަމަ ރެކޯޑަކާއެކު އެވެ.

ހިތަދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން 19 ވަނަ މިނެޓުގައި ސޯޓޭ ވަނީ ލަނޑެއް ޖަހައި، ޖީޖީއެސްސީ އަށް ކުރިހޯދަދީފަ އެވެ. އަދި ހާފުގެ 34 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ.

ހިތަދޫގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ސޯޓޭ ވަނީ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، އަތުނުވާ ވަރުގެ ބޮޑު ލީޑެއް ހޯދަދީފަ އެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ ޖީޖީއެސްސީން ދެވަނަ ހާފަށް ނިކުތީވެސް ގިނަ ލަނޑުތަކެއް ޖެހުމަށެވެ. އެގޮތުން، ދެވަނަ ހާފު ފެށިގެން 14 ވަނަ މިނެޓުގައި އަލީ އަހުސަން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ހާފުގައި ސޯޓޭ ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، އޭނާގެ ދެވަނަ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ޓީމުގެ އަށްވަނަ ލަނޑު ކާމިޔާބުކުރީ މުހައްމަދު ސޮބާހު އެވެ. މި މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޯޓޭ އެވެ.

ޖީޖީއެސްސީ އާއި ފެކްޝަން އެސްސީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ހަވީރު އެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން، 3-1 ގެ ނަތީޖާއަކުން މޮޅުވީ ޖީޖީއެސްސީ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments