ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އެފްއެސްޑަބްލިޔު ބަލިކޮށް، ޓީކޭ އިން ޗެމްޕިއަންކަން ހޯދައިފި

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ޓީކޭ އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ގައި ކުނަހަންދޫ އައިލެންޑް ނިއު ޖެނެރޭޝަން (ކިންގް) ބަލިކުރުމަށްފަހު އެވެ. އަދި އެފްއެސްޑަބްލިޔު އިން ވަނީ ސެމީގައި އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ބަލިކޮށްފަ އެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުން ޓީކޭ މޮޅުވީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓުގައި މޮޅު ކުޅުމެއް ދައްކައި، ދެ ސެޓުވެސް ކާމިޔާބުކުރީ އެފްއެސްޑަބްލިޔު އިންނެވެ.

ތިންވަނަ ސެޓު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް، ވައި ގަދަވެ ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މެޗު ވަނީ މެދުކަނޑާލާފަ އެވެ. މެޗު އަލުން ފަށާފައިވަނީ ގާތްގަނޑަކަށް 45 މިނެޓު ފަހުންނެވެ.

ބޯ ވިއްސާރައިގައި މެޗުގެ ބާކީ ބައި ކުޅުނު އިރު، ދެ ޓީމަށްވެސް ވަނީ އޭގެސަބަބުން ދަތިތައް ކުރިމަތިވެފަ އެވެ. ހާއްސަކޮށް، ޑިފެންސް ކުރުމާއި، ސާވިސް ކުރުމުގައި ކުޅުންތެރިންނަށް ވަނީ އުނދަދޫވެފަ އެވެ.

ޓީކޭ އިން ދެ ސެޓު ކާމިޔާބު ކުރުމާއެކު، މެޗު ވަނީ ފަސް ސެޓަށް ގޮސްފަ އެވެ. އަދި ޓީކޭ އިން ވަނީ ފަސްވަނަ ސެޓު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީކޭގެ އާމިނަތު އަރީޝާ (އަރީ) އެވެ. މުޅި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަރީ އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އަރީގެ އިތުރުން، އެ ޓީމުގެ އާމިނަތު ޝަހާ ޝާމިން، ފާތިމަތު ސަމްހާ، އެފްއެސްޑަބްލިޔުގެ އާއިޝަތު މާޖިދާ (މާޖީ)، ފާތިމަތު މަޒިއްޔާ އަދި އައިވައިޔޫގެ ހައްވާ ރާޝިދާ (ހައްވަ) އެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް އައިވައިޔޫގެ އާމިނަތު ރަފާ އިބްރާހިމް ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކީ ޓީކޭގެ އަލީ އަޝްރަފް (އަޝްރާ) އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments