ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ސޭންޑްސް އޮފް ލާމު ބަލިކޮށް، ޗެމްޕިއަންކަން އެފްޒެޑްއާރަށް

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި 3-1 ސެޓުން ސޭންޑްސް އޮފް ލާމު ބަލިކޮށް، ފޮނަދޫ ޒުވާނުންގެ ރޫހު (އެފްޒެޑްއާރު) އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކޮށްފައިވަނީ އެފްޒެޑްއާރާއި ސޭންޑްސް އޮފް ލާމުގެ އިތުރުން އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބެވެ. ލީގު ބުރުގައިވެސް އެފްޒެޑްއާރުން ސޭންޑްސް އޮފް ލާމު ބަލިކުރީ 3-1 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ލީޑުގައި ކުޅެފައިވަނީ ސޭންޑްސް އޮފް ލާމުންނެވެ. އެގޮތުން، އެ ޓީމުން ވަނީ 11-6 ގެ ލީޑެއް ނަގާފަ އެވެ. ނަމަވެސް، އެފްޒެޑްއާރުން ވަނީ ޓައިމް އައުޓަށްފަހު ކުޅުން ރަނގަޅުކޮށް، ޕޮއިންޓެއް ގެއްލުވާނުލައި، ހަތް ޕޮއިންޓު ހޯދާފަ އެވެ. އޭގެފަހުން، ސޭންޑްސް އޮފް ލާމުން ވަނީ 23-21 އިން ކުރިހޯދާފަ އެވެ. ނަމަވެސް، އެފްޒެޑްއާރުން ވަނީ ތަފާތު ދައްކައި، 25-23 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ފުރަތަމަ ސެޓު ކާމިޔާބުކޮށް ލިބުނު ހިތްވަރާއެކު، އެފްޒެޑްއާރުން ވަނީ ދެވަނަ ސެޓުގެ ފެށުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، އެ ޓީމުން ވަނީ ސެޓު ފެށިގެން 6-1 ގެ ލީޑެއް ނަގާފަ އެވެ. އޭގެފަހުން، މުޅި ސެޓުގައިވެސް އެފްޒެޑްއާރުން ކުޅުނީ ބޮޑު ލީޑެއްގަ އެވެ. އެ ޓީމުން ދެވަނަ ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ.
ސޭންޑްސް އޮފް ލާމުން ވަނީ މޮޅުވުން މަޖުބޫރު ތިންވަނަ ސެޓުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. މި ސެޓުގައި 5-5 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމަށްފަހު، ސޭންޑްސް އޮފް ލާމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އެޔަށްފަހު، މުޅި ސެޓު ނިމުމާ ހަމަޔަށް ލީޑުގައި ކުޅުނީ ސޭންޑްސް އޮފް ލާމުންނެވެ. އެ ޓީމުން ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ.
ތިންވަނަ ސެޓަކޭ އެއްގޮތަށް ހަތަރުވަނަ ސެޓުގެވެސް ކުރީކޮޅު، ލީޑުގައި ކުޅެފައިވަނީ ސޭންޑްސް އޮފް ލާމުންނެވެ. ނަމަވެސް، އެފްޒެޑްއާރުން ވަނީ ފަރަގު ކުޑަކުރަމުން އައިސް، ސެޓުގެ ނަތީޖާ އަނބުރާލާފަ އެވެ. އެ ޓީމުން ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްޒެޑްއާރުގެ އިބްރާހިމް ފަޒީލް (އިއްބެ) އެވެ. މުޅި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔަކީ އިއްބެ އެވެ. އިއްބެގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އެ ޓީމުގެ އިބްރާހިމް ރިމާޒް (ރިމޭ) އާއި ޖަވާމް އަލީގެ އިތުރުން ސޭންޑްސް އޮފް ލާމުގެ އަލީ މައުރޫފް، ހުސައިން ޔޫސުފް (ޓޯއީ) އަދި ހުސައިން މުހުތާރު އެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކީ އެފްޒެޑްއާރުގެ މުހައްމަދު މިމްރާހު (މިންމި) އެވެ. އަދި އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ހުސައިން ސައީދު (ސޭންޑީ) އެ