ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ފެކްޝަން ބަލިކޮށް، ޖީޖީއެސްސީން ތަށި ދިފާއުކޮށްފި

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ފެކްޝަން ސްޕޯޓްސް ކްލަބް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އިން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

ފަސް ޓީމަކުން ވާދަކުރި މި މުބާރާތުގެ ފައިނަލަށް ޖީޖީއެސްސީ ދަތުރުކުރީ ލީގު ބުރުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެގެނެވެ. އެގޮތުން، އެ ޓީމުން ވަނީ ލީގު ބުރުގައި ފެކްޝަން އެސްސީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ. ފެކްޝަން އެސްސީ ފައިނަލަށް ދަތުރުކުރީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެނެވެ.

ހިތަދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުން ޖީޖީއެސްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އަހުމަދު ސޮބާހު (ސޯޓޭ) ވަނީ ލަނޑެއް ޖަހައި، ޖީޖީއެސްސީ އަށް ކުރިހޯދަދީފަ އެވެ. އޭގެފަހުން، ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފަ އެވެ. ނަމަވެސް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ސޯޓޭ ވަނީ އިތުރު ލަނޑެއް ޖަހައި، ޖީޖީއެސްސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. ފެކްޝަން އިން ލަނޑެއް ޖަހައި، ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކުރިނަމަވެސް، ކާމިޔާބު ވެފައެއް ނުވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޖީއެސްސީ އަށް ދެ ލަނޑު ޖަހައިދިން ސޯޓޭ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ގެ އިތުރުން، މުޅި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސޯޓޭ އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ ޖީޖީއެސްސީގެ މުހައްމަދު ރަޝީދު (ޓޭޓު) އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ބީޖީ ސްޕޯޓްސް ކްލަބުގެ އަހުމަދު އަލްސަން އަލީ އެވެ. އަދި އެންމެ މޮޅު ކޯޗަކީ ޖީޖީއެސްސީގެ އަހުމަދު އަލީ އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ބީޖީ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޖީޖީއެސްސީގެ ސޯޓޭ، ޓޭޓު، އަހުމަދު ނޫމާން (ހެލްމެޓު)، އިބްރާހީމް ސަމީރު، އިބްރާހީމް ގައުތާން، ފެކްޝަން އެސްސީގެ ހަލީލް ޖަމާލް، ހުސައިން ނިހާން (ނިހަޓް)، އަލީ ރިޝްވާން، ހުސައިން އަލީ (ޗެންޓޭ)، އަލީ ޝިފާޒް އަދި ބީޖީ ސްޕޯޓްސް ކްލަބުގެ މޫސާ ހާނިމް އެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމުކޮށްފައިވަނީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އިންނެވެ. މެއިން ސްޕޯންސަރަކީ އަރަފާ ޓްރޭޑާސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments