ބައިނަލްއަގުވާމީ އީ-ކުނީގެ ދުވަސް ފާހަގަކުރުމަށް ގަމުގައި ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ”ބައިނަލްއަގުވާމީ އީ-ކުނީގެ ދުވަސް“ ފާހަގަކުރާއިރު، ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ހިމެނޭހެން އިތުރު ހަރަކާތްތަކެއް ހައްދުންމަތީ ގަމުގައި ކުރިޔަށް ގެންދިޔުމަށް ނިންމައިފި އެވެ.

އޮންޓޫބަރު 14 އަކީ ދުނިޔޭގެ އީ-ކުނީގެ ދުވަސް ކަމުގައި ކަނޑައަޅައި، މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2018 ވަނަ އަހަރު އެވެ. ނަމަވެސް، މިއީ ދިވެހިރާއްޖޭގައި މި ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. އީ-ކުނީގެ ދުވަސް ގަމުގައި ފާހަގަކުރުމަށް ނިންމާފައިވަނީ ކްލީން މޯލްޑިވްސްގެ އިސްނެގުމާއެކު، ހައްދުންމަތީ ގަމު ކައުންސިލްގެ އެއްބާރުލުމާއެކު އެވެ.

އީ-ކުނީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޕެނަލް ޑިސްކަޝަން ކުރިޔަށްދާނީ އަންނަ ހޯމަ ދުވަހު ހެނދުނު އިހައްދޫ ސްކޫލް ހޯލުގަ އެވެ. މި ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ މި ދާއިރާގެ ތަޖުރިބާކާރު މާހިރުންނެވެ. މި ބޭފުޅުންނަކީ، އިގުތިޞާދާއި މުއާޞަލާތާ ބެހޭ ތަޖުރިބާކާރު މާހިރެއްކަމުގައިވާ، ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ޢަބަދުލްމަޖީދާއި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭށޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލާއި، ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވައިރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މުޙަންމަދު ޝަރީފާއި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމެންޓް އެންޑް އެނަރޖީގެ ނާއިބު އަހުމަދު ނިޒާމެވެ.

މި ޕެނަލް ޑިސްކަޝަންގައި އީ-ކުނި ނުވަތަ އީ-ވޭސްޓާ ގުޅޭ ގޮތުން ގިނަ މަޝްވަރާތައް ކުރެވިގެންދާނެ އެވެ. އޭގެތެރޭގައި، މިފަދަ ކުނި ބަލަހައްޓާނެ ގޮތާއި، ރާއްޖޭގައި މިފަދަ ކުނީގެ މައްސަލަ އޮތް ހާލަތާއި، އޭގެ ސަބަބުން ތިމާވެއްޓާއި ސިއްޙަތަށް ކުރާނެ ގެއްލުމާއި، ފުރިހަމަ ގޮތުގައި މިފަދަ ކުނި ނައްތާލުމަށް ކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލުކުރައްވާނެ އެވެ.

އީ-ކުނީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އިހައްދޫ ސްކޫލާއި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ. ހޯމަ ދުވަހު ކުރިޔަށްދާ މި މުބާރަތް ހުޅުވާލާފައިވަނީ ކީ ސްޓޭޖް 2 އަދި 3 ގެ ދަރިވަރުންނަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments