ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަނާއެކު އީ-ކުނީގެ ދުވަހުގެ ހަރަކާތްތައް ފަށައިފި

ރާއްޖޭގައި މުޅިން އަލަށް ފާހަގަކުރާ އީ-ކުނީގެ ދުވަހުގެ ހަރަކާތްތައް، ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަނާއެކު މިއަދު ހެނދުނު ފަށައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ހަރަކާތްތައް ކުރިޔަށްދަނީ ލ.ގަމުގައެވެ. މި ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ، ގަމު ކައުންސިލްގެ އެއްބާރުލުމާއެކު ”ކްލީން މޯލްޑިވްސް“ ގެ ފަރާތުންނެވެ.

އީ-ކުނީގެ ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ އިހައްދޫ ސްކޫލް ހޯލުގަ އެވެ. އެގޮތުން، މިއަދު ހެނދުނު ވަނީ ފެށުމުގެ ރަސްމިއްޔާތާއެކު މައުލޫމާތު ސެޝަންތައް ކުރިޔަށް ގެންގޮސްފަ އެވެ.

މައުލޫމާތު ސެޝަންގައި އެންމެ ފުރަތަމަ އަލިއަޅުވާލާފައިވަނީ އީ-ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ މައްޗަށެވެ. މި ސެޝަން ނަންގަވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެންވަޔަރަމެންޓް މެނޭޖަރ، ހުސައިން އަރުބާން ފައްވާޒް އެވެ. އަދި އީ-ކުނި ނައްތާލުމާ ގުޅޭގޮތުން ސެޝަން ނަންގަވައިދެއްވީ ކްލީން މޯލްޑިވްސްގެ ބޯޑު މެމްބަރު، އާއިޝަތު އުޝްނާ ނަސީމް އެވެ.

މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާފައިވަނީ، އިގުތިޞާދާއި މުއާޞަލާތާ ބެހޭ ތަޖުރިބާކާރު މާހިރެއްކަމުގައިވާ، ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ޢަބަދުލްމަޖީދާއި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭށޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލާއި، ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވައިރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މުޙަންމަދު ޝަރީފާއި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމެންޓް އެންޑް އެނަރޖީގެ ނާއިބު އަހުމަދު ނިޒާމެވެ.

މިއަދުގެ ހަރަކާތްތަކުގައި ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އާއި، ކައުންސިލް މެމްބަރުން އަދި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތުގެ އިތުރުން އިހައްދޫ ސްކޫލްގެ ޕްރިންސިޕަލް، މުހައްމަދު ނަޒީލް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މީގެއިތުރުން، ގަމު ވެމްކޯ މުވައްޒަފުން ވަނީ މި ސެޝަންތަކުގައި ބައިވެރިވެފަ އެވެ.

އީ-ކުނީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ކުރެހުމުގެ މުބާރާތެއް މިއަދު ކުރިޔަށްދާނެ އެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ، އިހައްދޫ ސްކޫލް ހޯލުގަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments