ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ލ.އަތޮޅު ބުރުގައި ހަ ޓީމު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ލ.އަތޮޅު ބުރުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެއްޖެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ މުންޑޫ، މާވަށް، މާބައިދޫ، ކަލައިދޫ، އިސްދޫ އަދި އަތޮޅު ބުރާއި ޒޯން ހައެއްގެ ޗެމްޕިއަން ގަމެވެ.
ރާއްޖޭގެ ހުރިހައި އަތޮޅެއްގެ ރަށްތަކުން ވާދަކުރާ މި މުބާރާތުގައި ފުރަތަމަ ކުރިޔަށްދާނީ އަތޮޅު ބުރެވެ. އެޔަށްފަހު ކުރިޔަށްދާނީ ޒޯން ބުރެވެ. އަދި އެޔަށްފަހު، ގަދަ 16 ބުރާއެކު މުބާރާތުގެ ނޮކްއައުޓް މެޗުތައް ފެށިގެންދާނެ އެވެ.
މިއަހަރުގެ މުބާރާތުގައި ލ.އަތޮޅު ނުވަ ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. އޭގެތެރެއިން މިފަހަރުގެ މުބާރާތުން ނުފެންނާނީ މާމެންދުއާއި ހިތަދޫގެ އިތުރުން ދަނބިދުއެވެ.
އެންމެ ފަހުން ބޭއްވި މުބާރާތުގެ ލ.އަތޮޅު ބުރުގެ ޗެމްޕިއަން ޓީމަކީ ގަމެވެ. ގަމުން ވަނީ ފައިނަލުގައި 3-2 ގެ ނަތީޖާއަކުން އިސްދޫ ބަލިކޮށްފަ އެވެ. އެޔަށްފަހު، ގަމުން ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ތ.ތިމަރަފުށި ބަލިކޮށް، ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ގަމުން ތިމަރަފުށި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މީގެއިތުރުން، ގަމަކީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ޓީމެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރު އެވެ. އަންނަ އަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ގޯލްޑަން ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ގަމާއި ބ.އޭދަފުށްޓެވެ.