ސްޕޯޓްސް އެވޯޑްސް 2024: އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔަކަށް މާޖީ، ޓެކްނިކަލް އޮފިޝަލަކަށް ހައްވަ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި، އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު އާއިޝަތު މާޖިދާ (މާޖީ) ހޯދިއިރު، އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލްގެ މަގާމު، ވޮލީބޯޅަ ރެފްރީ، ހައްވާ އަބްދުލް މަޖީދު ހޯދައިފި އެވެ.
މާޖީ އާއި ހައްވަ އަކީ ހައްދުންމަތީ ގަމަށް ނިސްބަތްވާ ދެ ފަރާތެވެ. މި ޝަރަފުވެރި އެވޯޑް ލިބުމާއެކު، މުޅި ރަށަށާއި އަތޮޅަށް ވަނީ ރީތި ނަމެއް ލިބިފަ އެވެ.
މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ބޮޑެތި މުބާރާތްތަކުގެ ކުޅުމަށް ބެލުމަށްފަހު، އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރީ މާޖިދާގެ އިތުރުން، ލ.ގަމު، ހައްވާ ރާޝިދާ އާއި ފާތިމަތު ޖޫޒާން ޒަރީރު އެވެ. މިއާއެކު، އަންހެން ވޮލީބޯޅަ ކުޅުންތެރިންގެ ގަދަ ތިނެއްގައި، ލ. އަތޮޅު ދެ ކުޅުންތެރިން ވަނީ ހިމެނިފަ އެވެ.
މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސްގައިވެސް އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދީ މާޖީ އެވެ.
މިދިޔަ އަހަރު މާލޭގައި ކުރިޔަށް ގެންދިޔަ ފޯ ނޭޝަންސް ކަޕުން ރާއްޖެއިން ރަނަރަޕްކަން ހޯދާފައިވާއިރު، މާޖީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. އެގޮތުން، ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޖީ އެވެ.
2023 ވަނަ އަހަރު ވޮލީބޯލް އެސޯސިއޭޝަނުން ކުރިޔަށް ގެންދިޔަ ބޮޑެތި މުބާރާތްތަކަށް ބަލާއިރު، މާޖީ ވަނީ ކްލަބް ވެމްކޯ އާއެކު ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފަ އެވެ. މި ދެ މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޖީ އެވެ. މީގެއިތުރުން، އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވިފައިވަނީވެސް މާޖީ އެވެ.
އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލްގެ މަގާމަށް ވާދަކުރީ ހައްވަގެ އިތުރުން، އައިދާ އަބްދުލް ހަކީމް، ރަފާހާ އިބްރާހީމް، ޝިޒްނާ ރަޝީދު އަދި އާއިޝަތު އަބްދުލް ރައްޒާގު އެވެ.
މިއީ ނޭޝަނަލް ވޮލީބޯލް ރެފްރީ، ހައްވަ މި އެވޯޑް ހޯދި ދެވަނަ ފަހަރެވެ. 2022 ވަނަ އަހަރު މުޅިން އަލަށް ސްޕޯޓްސް އެވޯޑްސް ގެ ނަމުގައި މި އެވޯޑު ދިން އިރު، އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް އަކީ ހައްވަ އެވެ.
ހައްވަ އަކީ މި ދާއިރާގައި ގިނަ ދުވަސް ތަކެއްގެ ތަޖުރިބާ ހޯދާފައިވާ، މޮޅު ރެފްރީ އެކެވެ. އޭނާ ވަނީ ގައުމީ ލެވެލްގަ އާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރެފްރީކަން ކޮށްފަ އެވެ. އަދި މިވަގުތުވެސް ވީއޭއެމް މުބާރާތްތަކުގެ އޮފިޝަލުންގެ ލިސްޓުގެ އިސް ސަފުގައި ހައްވަ ހިމެނެ އެވެ.
އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހައްވާ ރާޝިދާ ވާދަކުރިއިރު، އެންމެ މޮޅު އަންހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ މަގާމަށް، ލ.ގަމު ފާތިމަތު ޖުނާ ވެސް ވަނީ ވާދަކޮށްފަ އެވެ.