ގަމު ކައުންސިލް ފުޓުބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ”ލާމު އެމްވީ“

ހައްދުންމަތީ ގަމު ކައުންސިލްގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ”ގަމު ކައުންސިލް ފުޓުބޯޅަ މުބާރާތް 2024“ ގެ މީޑިއާ ޕާޓްނަރަކަށް ”ލާމު އެމްވީ“ ހަމަޖައްސައިފިއެވެ.
މި މަހު 11 ވަނަ ދުވަހު ގަމު ޒޯން ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓް ކުރާނީ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ޖަމިއްޔާ އިންނެވެ. ސްޓަރ އާއި ލާމު އެމްވީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، މި މުބާރާތުގެ ހުރިހައި އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެއެވެ. އަދި މުބާރާތް އިތުރަށް ޕްރޮމޯޓް ކުރުމަށާއި، ލައިވް ކުރުމަށް ލާމު އެމްވީ އިން ހަރަކާތްތެރިވާނެއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ތުނޑި އެފްސީ، މަތިމަރަދޫ އެފްސީ، މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ)، ހިތަދޫ އެފްސީ އަދި އެންމެ ފަހުގެ ޗެމްޕިއަން އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އެވެ.
މުބާރާތުގެ ފުރަތަމަ ބުރު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. ލީގު ބުރު ނިމުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ. އަދި ދެވަނަ އާއި ތިންވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ.
މި މުބާރާތުގެ އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނިފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތް، ސާލިހާ ސްޓޫޑިއޯ، އިންކްޑް އެމްވީ، އައި ކެންޑީ، އުރްމީ ފިޓް، ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ، ސޮލާހު ސްޕޯޓްސް އެކަޑަމީ، ސޭކަ އިންޖިނިއަރިންގ، ޖޮޒީ އެމްވީ، ވިލަރެސް ގެސްޓްހައުސް، ލެޒިޒް ރެސްޓޯރެންޓް އެންޑް ބޭކަރީ، ގަމު ރީޖަނަލް ހޮސްޕިޓަލް، މެވްރިކް ހޮޓެލް އަދި ބަލްކް ޑިޕޯޓްއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި އައިވައިޔޫ އާއި މަތިމަރަދޫ ބައްދަލުކޮށް، ޕެނަލްޓީ ޖަހައިގެން ކުރިހޯދައި، ޗެމްޕިއަންކަން ހޯދާފައިވަނީ އައިވައިޔޫ އިންނެވެ.