ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް: ބިގް ޝޮޓްސް، ސޭންޑްސް އޮފް ލާމު އަދި ރިއަލް ޖާޒީއަށް ބޮޑު މޮޅެއް

އަރަފާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓު މިރޭ ފަށާފައިވާއިރު، ބިގް ޝޮޓްސް، ސޭންޑްސް އޮފް ލާމު އަދި ރިއަލް ޖާޒީ އިން ބޮޑު މޮޅެއް ހޯދައިފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބިގް ޝޮޓްސް އިންވަނީ 8-1 ގެ ނަތީޖާއަކުން އައިލެންޑާސް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ސޭންޑްސް އޮފް ލާމުން ވަނީ 7-2 ގެ ނަތީޖާއަކުން ލައްވި އެފްސީ ބަލިކޮށްފައެވެ. މިރޭގެ ފަހު މެޗުގައި ރިއަލް ޖާޒީ އިން ޖީ-ސްޓާ ޖޫނިއާގެ މައްޗަށް ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގައި ބިގް ޝޮޓްސް އިން ތަފާތު ދެއްކީ ޒުވާން ދެ ކުޅުންތެރިން ކަމުގައިވާ މުހައްމަދު ޝުވާން ރަޝީދާއި އިސްމާއިލް ލައިޒަލް ޝަރީފެވެ. އެގޮތުން، ލައިޒަލް ފަސް ލަނޑު ޖެހިއިރު، ޝުވާން ވަނީ ހެޓްރިކް ހަދާފައެވެ. އައިލެންޑާސްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ރަޝީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިގް ޝޮޓްސްގެ ލައިޒަލްއެވެ.
ސޭންޑްސް އޮފް ލާމާއި ލައްވި ބައްދަލުކުރި މެޗުގައި ސޭންޑްސް އޮފް ލާމުގެ ލިވާން އަނީސް އަލީ (ލީކޮ) ވަނީ ހެޓްރިކް ހަދާފައެވެ. އަދި އިދުރީސް އިތާފް ދެ ލަނޑު ޖެހިއިރު، އަލީ ޝިމާޒް އާއި މުހައްމަދު ޒައިޝާނުންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ޖަހާފައެވެ. ލައްވިގެ ދެ ލަނޑު ކާމިޔާބުކުރީ އާލިމް އަބްދުލް ކަރީމް އާއި ޝާފިއު އިސްމާއީލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޭންޑްސް އޮފް ލާމުގެ ލީކޮއެވެ.
މިރޭގެ ފަހު މެޗުގައި ރިއަލް ޖާޒީގެ އަލީ ހުސައިން ވަނީ ހެޓްރިކް ހަދާފައެވެ. އަދި ޖީ-ސްޓާގެ މުހައްމަދު ވިރުދާން އަތުން ވަނީ ބައިކޮޅަށް ދެ ލަނޑު ވަދެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް ޖާޒީގެ އިސްމާއީލް ހިޝާމްއެވެ.
މާދަމާ ރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އީވަލްޒް އެފްސީ އާއި ބްލެކް ސްޓްރީޓް އެސްސީއެވެ. ދެވަނަ މެޗުގައި އަފޭން ނިކުންނާނީ ވައްޓަފާޅި އެސްސީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ ބިގް ޝޮޓްސް އާއި ކިޔުއެމް ސްޕޯޓްސް އެކަޑަމީއެވެ.