ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް: ކުއާޓާގެ ފަހު ދެ ޖާގަ އަފޭންނާއި ރިއަލް ޖާޒީއަށް

ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގައި މިރޭ ކުޅުނު މެޗުތަކަށްފަހު، ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ އަފޭންނާއި ރިއަލް ޖާޒީ އިން ހޯދައިފިއެވެ.
މިރޭގެ މެޗުތަކަށް ނިކުތްއިރު ހަ ޓީމަކުން ވަނީ ކުއާޓާގެ ޖާގަ ޔަގީންކޮށްފައެވެ. އެއީ ކިޔުއެމް އެސްއޭ، ބިގް ޝޮޓްސް، ސޭންޑްސް އޮފް ލާމު، އެވަލްޒް އެސްސީ، އެލަވްޒް އެފްސީ އަދި ޖީ-ސްޓާ އެސްސީއެވެ. ޔަގީންނުވެ އޮތީ ހަމައެކަނި ގުރޫޕު ”ޑީ“ ގެ ޖާގަތަކެވެ.
އަފޭން ޓީމުން ވަނީ މިރޭ 6-1 ގެ ނަތީޖާއަކުން ޖީ-ސްޓާ ޖޭއާރު ބަލިކޮށް ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. މި މެޗުގައި އަފޭންގެ މުހައްމަދު ޔާމީން ޝަރީފާއި އަހުމަދު ޝާމިޒް ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ދެ ލަނޑު ޖެހީ އިސްމާއީލް އަފާޒް އާއި ހައްޔާން ޝަރީފެވެ. ޖީ-ސްޓާ ޖޭއާރުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ހައިޝަމް ހުސައިންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފޭންގެ ހައްޔާނެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހައްޔާނެވެ.
ރިއަލް ޖާޒީ އާއި ވައްޓަފާޅި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ. މިއާއެކު، ރިއަލް ޖާޒީއަށްވަނީ ގުރޫޕުގެ ދެވަނަ ލިބިފައެވެ. މި މެޗުގައި ރިއަލް ޖާޒީއިން ލަނޑު ޖެހީ އަލީ ހުސައިންއެވެ. އަދި ވައްޓަފާޅިން ލަނޑު ޖެހީ މުހައްމަދު އަޔާން އަލީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރިއަލް ޖާޒީގެ ކީޕަރު، ހުސައިން ޝިހާމްއެވެ.
އަފޭން ޓީމުން ގުރޫޕުގެ އެއްވަނަ ހޯދީ ހަތް ޕޮއިންޓާއެކުއެވެ. އަދި ރިއަލް ޖާޒީއަށް ދެވަނަ ލިބުނީ ޖުމްލަ ފަސް ޕޮއިންޓާއެކުއެވެ.
ގުރޫޕު ”ސީ“ ގެ ފަހު މެޗުގައި މިރޭ ބައްދަލުކުރީ ޖީ-ސްޓާ އެސްސީ އާއި އެވަލްޒް އެފްސީއެވެ. މި މެޗަށް ނިކުތްއިރު ދެ ޓީމަށްވެސް ވަނީ ކުއާޓާގެ ޖާގަ ޔަގީންވެފައެވެ. އެވަލްޒް އިންވަނީ 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. އެވަލްޒްއަށް ހަ ޕޮއިންޓު ލިބުނުއިރު ޖީ-ސްޓާއަށް ލިބުނީ ތިން ޕޮއިންޓެވެ. މި މެޗުގައި އެވަލްޒްގެ މުހައްމަދު ފައްޔާޒު ލަނޑު ޖެހިއިރު، އަނެއްް ލަނޑަކީ ޖީ-ސްޓާގެ އިބްރާހިމް ނަސްއަތު (ކާނު) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައްޔާޒެވެ.
ކުއާޓާގެ މެޗުތައް މާދަމާރޭ ފަށާނެއެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކިޔުއެމް އާއި އެވަލްޒް އެސްސީއެވެ. އަދި ދެވަނަ މެޗުގައި ސޭންޑްސް އޮފް ލާމު ނިކުންނާނީ ބިގް ޝޮޓްސް އާ ދެކޮޅަށެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅޭ ކުއާޓާގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ އެވަލްޒް އެފްސީ އާއި ރިއަލް ޖާޒީއެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އަފޭންނާނި ޖީ-ސްޓާ އެސްސީއެވެ.