ގަމު ފުޓުބޯޅަ މުބާރާތް: ޗެމްޕިއަން މުކުރިމަގާއި މާބައިދޫ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

މިހާރު ކުރިޔަށްދާ ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، އެންމެ ފަހުގެ ޗެމްޕިއަން މުކުރިމަގު އެފްސީ އާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

މުބާރާތް އިއްޔެ ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ތުނޑި އެފްސީ އާއި ހިތަދޫ އެފްސީއެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތުނޑިންނެވެ.

މާބައިދޫ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ހުސައިން ނިހާން (ނިހާޓް) އާއި މުކުރިމަގު ޓީމުގެ މުހައްމަދު ނިޒާމް (ޕީކޭ) ވަނީ ގައުމީ ފުޓުބޯޅަ ޓީމާއެކު ބަންގްލަދޭޝަށް ދަތުރުކޮށްފައެވެ. މި ދެ ކުޅުންތެރިންނަށްވެސް އެންމެ އަވަހަށް މި މުބާރާތް ކުޅެވޭނެ ކަމަށް ބެލެވެނީ 18 ވަނަ ދުވަހުއެވެ.

މިއަދު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފު ފެށިގެން، މެޗުގެ 14 ވަނަ މިނެޓުގައި މައުރޫފް އަލީ ވަނީ ލަނޑެއް ޖަހައި، މުކުރިމަގަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަހުމަދު އަފްސަން ވަނީ މާބައިދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެންވެސް ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ވާދަވެރި ކުޅުމެކެވެ. އަދި ދެ ޓީމުން ދެއްކި ރަނގަޅު ޑިފެންސިވް ކުޅުމާއެކު، މި ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ ޓީމުގެ އަހުމަދު ރާހިލް ރަޝީދެވެ.

މުބާރާތުގައި މާދަމާ ހަވީރު މަތިމަރަދޫ އެފްސީ ނިކުންނާނީ ހިތަދުއާ ދެކޮޅަށެވެ. ފުރަތަމަ މެޗުން ބަލިވެފައިވާ ހިތަދުއަށް މި މެޗުން މޮޅުވުން މުހިންމުވާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments