ފޮނަދޫ ކައުުންސިލް ފުޓްސަލް ޓޯނަމެންޓް: އެވަލްޒް އެސްސީ އާއި ސޭންޑްސް އޮފް ލާމު ސެމީއަށް

އަރަފާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ އެވަލްޒް އެސްސީ އާއި ސޭންޑްސް އޮފް ލާމުން ހޯދައިފިއެވެ.
ގުރޫޕު ”ބީ“ ގެ ދެވަނަ، އެވްލްޒް އެސްސީ ސެމީއަށް ދަތުރުކުރީ، ކުއާޓާގައި 3-2 ގެ ނަތީޖާއަކުން ކިޔުއެމް ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށްފަހުއެވެ. ކިޔުއެމް އަކީ ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމެވެ. އަދި ގުރޫޕު ”ބީ“ ގެ އެއްވަނަ، ސޭންޑްސް އޮފް ލާމުން ސެމީގެ ޖާގަ ހޯދީ ކުއާޓާގައި 1-0 ގެ ނަތީޖާއަކުން ބިގް ޝޮޓްސް ބަލިކުރުމަށްފަހުއެވެ. ބިގް ޝޮޓްސް އަކީ ގުރޫޕު ”އޭ“ ގެ ދެވަނަ ޓީމެވެ.
އެވަލްޒް އާއި ކިޔުއެމް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އެވަލްޒްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަލީ ނައުފަލްއެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން، ކިޔުއެމް އިންވަނީ ދެ ލަނޑު ޖަހައި، މެޗުގެ އޮއެވަރު އަނބުރާލާފައެވެ. އެ ޓީމުގެ ދެ ލަނޑު ކާމިޔާބުކުރީ މުހައްމަދު އިނާލް އިބްރާހިމް އާއި އާހިލް އަލީއެވެ.
އެވަލްޒް އިންވަނީ މުޅި ޓީމު ކުރިޔަށް ޖައްސައިގެން، ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، އެ ޓީމުން ވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ގާތްގާތުގައި ދެ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެ ދެ ލަނޑު ކާމިޔާބުކުރީ އަހުމަދު މަމްދޫހާއި ބާސިމް އަބްދުއް ސަމަދު (ސިމްބެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ސިމްބެއެވެ.
ސޭންޑްސް އޮފް ލާމާއި ބިގް ޝޮޓްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އިދުރީސް އިތާފް (އިތޯ) ވަނީ ލަނޑެއް ޖަހައި، ސޭންޑްސް އޮފް ލާމަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ބިގް ޝޮޓްސް އިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް، ސޭންޑްސް އޮފް ލާމުން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޭންޑްސް އޮފް ލާމުގެ އަލީ ޝިމާޒެވެ.
ސެމީ ފައިނަލުގައި އެވަލްޒް އެސްސީ ބައްދަލުކުރާނީ މާދަމާރޭ އެވަލްޒް އެފްސީ އާއި ރިއަލް ޖާޒީ ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއެވެ. އަދި ސޭންޑްސް އޮފް ލާމު ކުޅެން ޖެހޭނީ، އަފޭންނާއި ޖީ-ސްޓާ އެސްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.