ފޮނަދޫ ކައުުންސިލް ފުޓްސަލް ޓޯނަމެންޓް: ވާދަވެރި މެޗުތަކަކަށްފަހު އެވަލްޒް އެފްސީ އާއި އަފޭން ސެމީއަށް

ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގައި ވާދަވެރި ކުއާޓާ ފައިނަލުގެ މެޗުތަކަކަށްފަހު، ސެމީގެ ފަހު ދެ ޖާގަ އެވަލްޒް އެފްސީ އާއި އަފޭންނުން ހޯދައިފިއެވެ.
ގުރޫޕު ”ސީ“ ގެ އެއްވަނަ، އެވަލްޒް އެފްސީ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ގުރޫޕު ”ޑީ“ ގެ ދެވަނަ، ރިއަލް ޖާޒީ ބަލިކުރުމަށްފަހުއެވެ. އަދި ގުރޫޕު ”ޑީ“ ގެ އެއްވަނަ އަފޭންނުން ވަނީީ 1-0 ގެ ނަތީޖާއަކުން ގުރޫޕު ”ސީ“ ގެ ދެވަނަ، ޖީ-ސްޓާ އެސްސީ ބަލިކޮށްފައެވެ.
އެވަލްޒް އެފްސީ އާއި ރިއަލް ޖާޒީ ބައްދަލުކުރި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެވަލްޒްގެ ކެޕްޓަން، އަހުމަދު އަސީލް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން، ހުސައިން ޒުލާލް ޒާހިރު ވަނީ އެވަލްޒްއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 16 ވަނަ މިނެޓުގައި އަހުމަދު ޝަފީއު ވަނީ ލަނޑެއް ޖަހައި، ރިއަލް ޖާޒީއަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެވަލްޒްގެ ހުސައިން ހަމީދެވެ.
އަފޭންނާއި ޖީ-ސްޓާ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކުރީ ޖީ-ސްޓާ އިންނެވެ. ނަމަވެސް، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ހައްޔާން ޝަރީފް ވަނީ އަފޭންނަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފު ފެށިގެން، ޖީ-ސްޓާއިން ކުޅުނީ މުޅި ޓީމު ކުރިޔަށް ޖައްސައިގެނެވެ. ނަމަވެސް، އަފޭންނުން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. އެގޮތުން، އެ ޓީމުގެ އަހުމަދު އަމަން އަލީ ވަނީ ޑިފެންސުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އަމަންއެވެ.
މިއާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެފައެވެ. މާދަމާރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެވަލްޒްގެ ދެ ޓީމެވެ. އަދި ދެވަނަ ސެމީގައި އަފޭން ނިކުންނާނީ ސޭންޑްސް އޮފް ލާމާ ދެކޮޅަށެވެ.