ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން މިފަހަރުވެސް ޖާއްޓެއަށް

ގައުމީ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ފަހު އިވެންޓު ކަމަށްވާ ބަނޑުފިލާ ޗެލެންޖުގެ ފައިނަލުގައި ވާދަކޮށް، ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން މިފަހަރުވެސް އަލީ ޖާވިދު (ޖާއްޓެ) ހޯދައިފިއެވެ.
ލ. ގަމަށް ނިސްބަތްވާ ޖާއްޓެ އަކީ މިދިޔަ އަހަރުގެ ވެސް މެންސް އޯޕަންގެ ޗެމްޕިއަނެވެ. މިއާއެކު، ޖާއްޓެ ވަނީ ލީގުގެ ޓްރޮފީ ދިފާއުކޮށްފައެވެ. މިދިޔަ އަހަރުގެ އިވެންޓުތަކަށް ބަލާއިރު، ޖާއްޓެ ވަނީ ބުރުނު ޝިކާރުން ފަސްވަނަ، އަދި ބަނޑުފިލާ ޗެލެންޖުން އެއްވަނަ ހޯދާފައެވެ.
ޖާއްޓެ މިއަހަރުގެ ލީގު ޗެމްޕިއަންކަން ހޯދީ ވާދަކުރި ތިން އިވެންޓުންވެސް ދެވަނަ ހޯދުމަށްފަހުއެވެ. އެއީ ބުރުނު ޝިކާރާއި ލިބެރާ ބޮޑީބޯޑިން ޗެލެންޖުގެ އިތުރުން ބަނޑުފިލާ ޗެލެންޖެވެ.
މިއަހަރުގެ ބަނޑުފިލާ ޗެލެންޖުގެ ފައިނަލުގައި ޖާއްޓެއާ ވާދަކުރީ 16 އަހަރުގެ އިޔަން އަހުމަދާއެވެ. ފައިނަލުގައި އިޔަން 10.33 ހޯދިއިރު، ޖާއްޓެ ވަނީ 7.83 ހޯދާފައެވެ.
ޖާއްޓެ ވަނީ މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި، އަލީ ހުޝްރުވާން (ކުޑަ އައްޔަ) ބަލިކޮށްފައެވެ. ކުޑަ އައްޔަ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރެވެ. އަދި ސެމީ ފައިނަލުގައި ޖާއްޓެ ވަނީ އަޝްރަފް ހަސަން ބަލިކޮށްފައެވެ.
ގަމަށް ނިސްބަތްވާ އަސްވާން މުހައްމަދު (ދޫނި) ވެސް ވަނީ މި އެވެންޓުގައި ވާދަކޮށްފައެވެ. އޭނާއަށް ލިބުނީ ފަސްވަނައެވެ.