ގަމު ފުޓުބޯޅަ މުބާރާތް: ތުނޑި އާއި މާބައިދޫ މެޗު އެއްވަރު

ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު ތުނޑި އެފްސީ އާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މިއީ މިއަހަރުގެ މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ދެވަނަ މެޗެވެ. ތުނޑިން ވަނީ ފުރަތަމަ މެޗުގައި ހިތަދޫ އެފްސީ ކައިރިން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މާބައިދޫ ޓީމުން މުކުރިމަގު އެފްސީ އާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ.

މިއަދު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ތުނޑީ ޓީމުގެ ސްކޮޑުގައި އަޔާޒް އަހުމަދު (އަޔާ) ހިމަނާފައިވެއެވެ. ނަމަވެސް، އޭނާ ކުޅެން އެރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި މާބައިދޫ ޓީމުގެ ހުސައިން ނިހާން (ނިހާޓް) އަދިވެސް ހުރީ ގައުމީ ޓީމާއެކު ބަންގްލަދޭޝްގައެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން، ތުނޑީ ޓީމުގެ ޒައިން ޒަފަރަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އޭގެތެރެއިން ފުރަތަމަ ފުރުސަތަކީ، އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމެކެވެ. ޒައިން ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ފަހުން ޒައިންއަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ، މާބައިދޫ ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ހުސައިން ފައިސަލް (ކޮއްތު) ވަނީ ލަނޑެއް ޖަހައި، ތުނޑިއަށް ކުރިހޯދަދީފައެވެ. އެއީ މި މުބާރާތުގައި މިހާތަނަށް ކޮއްތު ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މާބައިދޫ ޓީމުން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ހަސަން ނިޔާޒެވެ.

ތުނޑީ ޓީމުން ދެވަނަ ހާފު ފެށީ އަޔާ އާއެކުއެވެ. އަޔާ ކުޅެން އެރުމާއެކު، ތުނޑީ ޓީމުގެ އެޓޭކުތައް ވަނީ އިތުރަށް ރަނގަޅުވެފައެވެ. އެގޮތުން، ދެވަނަ ހާފުގައި ތުނޑީ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީވެސް އަޔާ އަށެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ، ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި މާބައިދޫ ޓީމުން އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަބްދުﷲ ފަރީސް (ފަރިއްޓޭ) އަށެވެ. އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތުގައި، ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެފަހުން ލިބުނު ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ، ފަރިއްޓެ ބޮލުން ޖެހިއިރު ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗު ނިމެން ގާތްވެފައިވަނިކޮށް، ތުނޑީ ޓީމުގެ ކޮއްތުއަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ ޓީމަށް ލަނޑު ޖަހަދިން ހަސަން ނިޔާޒެވެ.

މި ނަތީޖާއާއެކު، ތުނޑީ ޓީމު ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައެވެ. މާބައިދުއަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މުބާރާތުގައި މާދަމާ ހަވީރު މަތިމަރަދޫ އެފްސީ ނިކުންނާނީ މުކުރިމަގު އެފްސީއާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments