ގަމު ފުޓުބޯޅަ މުބާރާތް: ބޮޑު މޮޅަކާއެކު މާބައިދޫން އުއްމީދު އައުކުރިއިރު، ހިތަދޫ ކަޓައިފި

ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހިތަދޫ އެފްސީ ބަލިކޮށް، މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އިން މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އައުކޮށްފިއެވެ.
މާބައިދޫ ޓީމުން މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުވެސް ވަނީ އެއްވަރުވެފައެވެ. އަދި ހިތަދޫ ޓީމު ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. މިއަދު މާބައިދޫ ކައިރިން ބަލިވުމާއެކު، ހިތަދޫ ވަނީ މުބާރާތުން ކަޓާފައެވެ. ނަމަވެސް، މުބާރާތުގައި އެ ޓީމަށް އަދި އެއް މެޗު އެބައޮތެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ކުރީކޮޅު، މާބައިދޫ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން، މާބައިދޫ ޓީމުގެ ކެޕްޓަން، އަބްދުﷲ ފަރީސް (ފަރިއްޓެ) އާއި ހަސަން ނިޔާޒް އަދި އިބްރާހިމް ނަދީހަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ފުރަތަމަ ހާފުގައި ހިތަދޫ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން، މާބައިދޫ ޓީމުން ވަނީ ގޯލަށް ނުރައްކާކޮށްފައެވެ. މާބައިދޫ ޓީމުގެ ހުސައިން ސަފްރާޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މާބައިދޫ ޓީމުން ލީޑު ނެގުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 18 ވަނަ މިނެޓުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ހިތަދުއަށް ވަނީ ރަނގަޅު ހިސާބަކުން ދެ ހިލޭ ޖެހުން ލިބިފައެވެ. ނަމަވެސް، އަލީ ރިސްވާން ފޮނުވާލި ދެ ބޯޅަވެސް ދިޔައީ ގޯލާ ސީދާނުވެ ބޭރަށެވެ.
ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މާބައިދޫ ޓީމުގެ ފަރިއްޓެއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ފަރިއްޓެ ވަނީ މުހިންމު ވަގުތެއްގައި މާބައިދުއަށް ލީޑު ފުޅާކޮށްދީފައެވެ.
ހާފު ނިމެން ގާތް ވެފައިވަނިކޮށް މާބައިދޫން ލަނޑު ޖެހުމާ ގުޅިގެން، މެޗުގެ ޓެމްޕޯއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. އެގޮތުން، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ފަރިއްޓެ ވަނީ މާބައިދުއަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލަނޑު ޖަހައި، މާބައިދޫން ވަނީ ދެވަނަ ހާފުގެވެސް ފުރިހަމަ ކޮންޓްރޯލް ހޯދާފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި އަހުމަދު ފިރާސް ލަނޑެއް ޖެހިއިރު، އޭގެ ދެ މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ފަރިއްޓެ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ފަރިއްޓެ ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މާބައިދޫ ޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ ފިރާޝް އާއި ރާއްކޮއެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި އަހުމަދު އާފިއުއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، ހިތަދޫ ޓީމުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ ޓީމުގެ ކެޕްޓަން، ފަރިއްޓެއެވެ.
މާދަމާ ހަވީރު މުކުރިމަގު އެފްސީ ބައްދަލުކުރާނީ ތުނޑި އެފްސީ އާއެވެ. މުކުރިމަގު ޓީމުން މުބާރާތުގައި ކުރިޔަށް ދިއުމަށް، މާދަމާގެ މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ.