ގަމު ފުޓުބޯޅަ މުބާރާތް: މުކުރިމަގުން ތުނޑި ބަލިކުރިއިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެ

ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު މުކުރިމަގު އެފްސީ އިން 2-0 ގެ ނަތީޖާއަކުން ތުނޑި އެފްސީ ބަލިކުރުމާއެކު، މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ ބުރުން އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމު ސެމީއަށް ދަތުރުކުރާނެއެވެ. ފުރަތަމަ ބުރުން ކަޓާނީ ދެ ޓީމެވެ. އިއްޔެ މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އަތުން ހިތަދޫ އެފްސީ ބަލިވުމާއެކު، ހިތަދޫ ވަނީ މުބާރާތުން ކަޓާފައެވެ.
މިއަހަރުގެ މުބާރާތުގައި މުކުރިމަގު ޓީމުގެ ފެށުން ވަނީ ގޯސްވެފައެވެ. ދެ މެޗުން އެ ޓީމަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، މިއަދުގެ މެޗުން ބަލިވިނަމަ، އެ ޓީމު މުބާރާތުން ކަޓާނެއެވެ. ނަމަވެސް، އެ ޓީމުން ވަނީ ތުނޑި ބަލިކޮށް، މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އައުކޮށްފައެވެ.
މިއަދު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެވެސް ބައެއް މުހިންމު ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. އެގޮތުން، ތުނޑީ ޓީމުގެ އަހުމަދު އަޔާޒް (އަޔާ) އާއި ހުސައިން ފައިސަލް (ކޮއްތު) ކުޅެފައެއް ނުވެއެވެ. ކޮއްތު ހުރީ މާބައިދުއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ސަސްޕެންޝަނުގައެވެ. އަދި މުކުރިމަގުު ޓީމުގެ ސްކޮޑުގައި އަލީ ޝާމިސް (ތޮއްޕެ) އާއި މުހައްމަދު ނިޒާމް (ޕީކޭ) ގެ އިތުރުން އަލީ ހާފިޒް (އައްޔަ) ހިމަނާފައެއް ނުވެއެވެ. ގައުމީ ޓީމާއެކު ބަންގްލަދޭޝަށް ދިއުމަށްފަހު، ޕީކޭ އެނބުރި ރާއްޖެ އައިސްފައިވަނީ މިއަދުއެވެ. އަދި އައްޔަ، މިހާތަނަށް މި މުބާރާތުގެ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.
މިއަދު ކުޅުނު ވާދަވެރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތު މަދެވެ. ފުރަތަމަ ހާފުގައި މުކުރިމަގު ޓީމުގެ ޒައިދާން އަބްދުﷲ (ޒައިއްކޮ) އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު، ތުނޑީ ޓީމުގެ ހުސައިން ނާޝިދު ވަނީ މޮޅު ޓެކުލެއް ޖަހައި، ބޯޅަ ބޭރުކޮށްލާފައެވެ. ނަމަވެސް، މެޗުގެ 12 ވަނަ މިނެޓުގައި ޝަނާން ރަޝާދު ވަނީ ލަނޑެއް ޖަހައި، މުކުރިމަގަށް ކުރިހޯދަދީފައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ދެވަނަ ހާފު ފެށިގެންވެސް ދެ ޓީމުގެ ކުޅުމަށް މާ ބޮޑު ބަދަލެއް ނާންނައިރު، މުކުރިމަގަށް ވަނީ ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބިފައެވެ. ނަމަވެސް، ޝަނާން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެފަހުން، މެޗު ނިމެން ގާތްވެފައިވަނިކޮށް، ތުނޑީ ޓީމުގެ ހައްޔާން ޝަރީފަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން މުޅިން ހުސްކޮށް ހުރެ ހައްޔާން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ އިތުރު ވަގުތުގައި ޝަނާން ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މުކުރިމަގަށް ތިން ޕޮއިންޓު ޔަގީންކޮށްދީފައެވެ. އެއީ ޒައިއްކޮ ނަގައިދިން ކޯނަރަކުން، ޝަނާން ބޮލުން ޖެހި ލަނޑެކެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ޝަނާންއެވެ.
މިވަގުތު ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މަތިމަރަދުއެވެ. އަދި ފަސް ޕޮއިންޓާއެކު މާބައިދޫ ދެވަނައިގައި އޮތްއިރު، މުކުރިމަގާއި ތުނޑިއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މުބާރާތުގައި މާދަމާ ހަވީރު މަތިމަރަދޫ ނިކުންނާނީ މާބައިދުއާ ދެކޮޅަށެވެ. މި މެޗުން މަތިމަރަދޫ މޮޅުވެއްޖެނަމަ، އެ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންވާނެއެވެ.