ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ފުޓްސަލް ޗެލެންޖުގެ ތަށި ދިފާއުކުރަން ލާމު ޕޮލިހުން ތައްޔާރުވެއްޖެ

ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ މެދުގައި ކުރިޔަށްދާ ”ރީޖަނަލް ކޮމާންޑަރސް ފުޓްސަލް ކަޕް 2024“ ގެ ތަށި ދިފާއުކުރަން އެންމެ ފަހުގެ ޗެމްޕިއަން، ލާމު ޕޮލިހުން ތައްޔާރުވެއްޖެއެވެ.
މި މުބާރާތުގެ މަގުސަދަކީ އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު ދިރުވައި އާލާކޮށް، އަދި ދިވެހި ފުލުހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބައެއްގެ ގޮތުގައި ދެމެހެއްޓުމެވެ.
ލާމު އަތޮޅު ޕޮލިސް ކޮމާންޑަރ، އިންޕެކްޓަރ އޮފް ޕޮލިސް، އަބްދުލް ހަފީޒް އިބްރާހިމް ވިދާޅުވީ މި މުބާރާތަކީ ފުލުހުންގެ މެދުގައި ބޭއްވޭ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ފުލުހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ވަނީ، މުބާރާތުގައި ބައިވެރިވާ ހުރިހައި ކުޅުންތެރިންވެސް ރިވެތި އަހުލާގުގެ ނަމޫނާ ދައްކައިގެން، ކާމިޔާބު ކަމާއެކު މުބާރާތް ނިންމާލުމަށް އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން، ހަފީޒް ވަނީ މުބާރާތުގެ ތަށި ދިފާއުކުރުމަށް ލ.އަތޮޅު ޕޮލިސް ޓީމަށް ހިތްވަރުދެއްވާފައެވެ.
މި މަހުގެ 23 ވަނަ ދުވަހުު ކުޑަހުވަދޫ ޕޮލިސް ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ މ، ފ، ދ، ތ އަދި ލ ޕޮލިހެވެ.
މި މުބާރާތުގެ ފުރަތަމަ ބުރު ކުޅޭނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭނެއެވެ. 23 ވަނަ ދުވަހު މުބާރާތް ފަށާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 29 ވަނަ ދުވަހުއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތ.އަތޮޅާއި ފ.އަތޮޅެވެ. އަދި ދެވަނަ މެޗުގައި ލ.އަތޮޅު ނިކުންނާނީ މ.އަތޮޅާ ދެކޮޅަށެވެ.