ގަމު ފުޓުބޯޅަ މުބާރާތް: ޒައިއްކޮގެ ހަތަރު ލަނޑާއެކު ހިތަދޫ ބަލިކޮށް، މުކުރިމަގު ސެމީއަށް

މިހާރު ކުރިޔަށްދާ ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު ޒައިދާން އަބްދުﷲ (ޒައިއްކޮ) ޖެހި ހަތަރު ލަނޑާއެކު، 7-1 ގެ ނަތީޖާއަކުން ހިތަދޫ އެފްސީ ބަލިކޮށް، މުކުރިމަގު އެފްސީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗަކީ ދެ ޓީމުންވެސް ފުރަތަމަ ބުރުގައި ކުޅުނު ފަހު މެޗެވެ. މެޗަށް ނިކުތްއިރުވެސް، ހިތަދޫ ވަނީ މުބާރާތުން ކަޓާފައެވެ. އަދި އަމިއްލަ ބާރާއެކު ސެމީއަށް ދިއުމަށް މުކުރިމަގަށް ވަނީ މި މެޗުން މޮޅުވުން މަޖުބޫރުވެފައެވެ.

މިއަދުގެ މެޗަށް ނިކުތްއިރު، މުކުރިމަގު ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ އަލީ ޝާމިސް (ތޮއްޕެ) އާއި ޝަނާން ރަޝާދު، ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް، ގައުމީ ޓީމާއެކު ބަންގްލަދޭޝަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް، މުހައްމަދު ނިޒާމް (ޕީކޭ) ވަނީ ފުރަތަމަ ފަހަރަށް މިއަހަރުގެ މުބާރާތުގައި ކުޅެފައެވެ. އަދި މިއަދުގެ މެޗުގައި މުކުރިމަގު ޓީމުގެ ކެޕްޓަނަކީވެސް ޕީކޭއެވެ. މީގެއިތުރުން، ހިތަދޫން މި މެޗަށް ނިކުތްއިރު، ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހާޒިރުވެފައެއް ނުވެއެވެ. އެ ޓީމުގެ ބެންޗުގައި ތިބީ އެންމެ ހަތަރު ކުޅުންތެރިންނެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ޒައިއްކޮ ވަނީ ލަނޑެއް ޖަހައި، މުކުރިމަގަށް ކުރިހޯދަދީފައެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން އަލީ ޝާރިމް ވަނީ ލަނޑެއް ޖަހައި، ހިތަދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ހިތަދޫން ލަނޑު ޖެހުމާއެކު، މި މެޗު ވާދަވެރިވާނެ ކަމަށް ބެލެވުނުނަމަވެސް، މުކުރިމަގުން ވަނީ ފުރަތަމަ ހާފުގައި އިތުރު ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. އެ ތިން ލަނޑު ކާމިޔާބުކުރީ އަލީ ނާޝިދާއި ޒައިއްކޮގެ އިތުރުން ހަސަން ފަވާޒް (ފައްވަ) އެވެ.

ދެވަނަ ހާފު ފެށިގެންވެސް މުކުރިމަގުން ކުޅުނީ އިތުރު ލަނޑުތައް ޖަހައި، ލީޑު ފުޅާކުރުމަށެވެ. އެގޮތުން، 64 ވަނަ މިނެޓުގައި ޒައިއްކޮ ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ އިހުސާން (ގުޒީ) އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޒައިއްކޮ ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ޒައިއްކޮއެވެ.

މި ނަތީޖާއާއެކު، މުކުރިމަގު ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ސެމީގެ ދެވަނަ ޖާގަ ކަށަވަރުވާނީ، މާދަމާ ހަވީރު މަތިމަރަދުއާއި ތުނޑި ބައްދަލުކުރާ މެޗަށްފަހުއެވެ. ސެމީ ފައިނަލަށް ދިއުމަށް، ތުނޑިއަށް މި މެޗު ކާމިޔާބުކުރުން މަޖުބޫރު ވާނެއެވެ. އެ ޓީމު އެއްވަރު ނުވަތަ ބަލިވެއްޖެނަމަ، ސެމީގެ ޖާގަ ލިބޭނީ މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments