ގަމު ފުޓުބޯޅަ މުބާރާތް: ފަހުވަގުތު ފައްވަ ޖެހި ލަނޑާއެކު ތުނޑި ބަލިކޮށް، މުކުރިމަގު ފައިނަލަށް

ގަމު ފުޓުބޯޅަ މުބާރާތް 2024 ގެ ސެމީ ފައިނަލުގައި، ފަހުވަގުތު ހަސަން ފަވާޒް (ފައްވަ) ޖެހި ލަނޑާއެކު ތުނޑި އެފްސީ ބަލިކޮށް، މުކުރިމަގު އެފްސީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ ބުރުން އެއްވަނަ ހޯދައި، މަތިމަރަދޫ އެފްސީ ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. މުކުރިމަގު ސެމީއަށް ދަތުރުކުރީ ފުރަތަމަ ބުރުން ދެވަނަ ހޯދައިގެނެވެ. އަދި ތުނޑިން ވަނީ ތިންވަނަ ހޯދާފައެވެ. މި ދެ ޓީމަށްވެސް ފުރަތަމަ ބުރުން ލިބުނީ ހަތް ޕޮއިންޓެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗަށް ނިކުތްއިރު، ދެ ޓީމުގެ ސްކޮޑުގައިވެސް ބައެއް މުހިންމު ކުޅުންތެރިން ހިމަނާފައެއް ނުވެއެވެ. އެގޮތުން، ތުނޑީ ޓީމުގެ ސްކޮޑުގައި އަހުމަދު އަޔާޒް (އަޔާ) ހިމަނާފައިނުވާއިރު، ޖުނެއިހު އަބްދުﷲ (ޖަޑާ) އާއި އަލީ އަރުޝަދު (ޓޮއިން) އަދި މުހައްމަދު ރާއިޝް ރިޔާޒް ހުރީ ސަސްޕެންޝަނުގައެވެ. ލީގު ބުރުގެ ފަހު މެޗުގައި މަތިމަރަދުއާ ދެކޮޅަށް ކުޅުނު އިރު ހިނގި ހަމަނުޖެހުމުގެ ސަބަބުން، މި ތިން ކުޅުންތެރިންނާއި މަތިމަރަދޫ ޓީމުގެ ދެ ކުޅުންތެރިޔަކު ވަނީ ތިން މެޗަށް ސަސްޕެންޑް ކޮށްފައެވެ. އަދި މުކުރިމަގު ޓީމުގެ ސްކޮޑުގައި މިއަދުވެސް އަލީ ޝާމިސް (ތޮއްޕެ) ހިމަނާފައެއް ނުވެއެވެ.
މިއަދުގެ މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.
ތުނޑީ ޓީމަށް މައްސަލަތައް ދިމާވާން ފެށީ، ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި އަބްދުﷲ ޝުއާއު (ސޮކޭ) އަށް ރަތް ކާޑު ދެއްކުމުންނެވެ. ސޮކޭއަށް ރަތް ކާޑު ދެއްކީ، މުކުރިމަގު ޓީމުގެ ފައްވަ ލަނޑު ޖަހަން ދިޔަ ދަނޑިވަޅެއްގައި އޭނާ ހުއްޓުވުމަށް ކުރި ފައުލަކާ ގުޅިގެނެވެ. އެވަގުތު، ތުނޑީ ޓީމުގެ ޑިފެންސް ލައިނުގެ އެންމެ ފަހަތުގައި ހުރީ ސޮކޭއެވެ. މިއާއެކު، ތުނޑިން ދެވަނަ ހާފުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
ތުނޑީ ޓީމުން ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން، މުކުރިމަގުން ވަނީ އޭގެ ފައިދާ ނެގުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، ތުނޑީ ޓީމުގެ އޭރިއާ ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުން ގާސިމް ސަމާމް ފޮނުވާލިއިރު، ތުނޑީ ޓީމުގެ ކީޕަރު އަހުމަދު ހުޝާމް (ގުންޒާލޯ) ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން މުހައްމަދު ނިޒާމް (ޕީކޭ) ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ރެފްރީ ނިންމީ ޕީކޭ، ގުންޒާލޯއަށް ފައުލް ކުރިކަމަށެވެ.
މުކުރިމަގުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގައެވެ. މުކުރިމަގަށް ލިބުނު ހިލޭ ޖެހުން، ޝަނާން ރަޝާދު ގޯލަށް ފޮނުވާލިއިރު، ތުނޑީ ޓީމުގެ ކީޕަރު ގުންޒާލޯ ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް، ގުންޒާލޯ އަތުގައި ޖެހިފައި ނިކުތް ބޯޅަ، ފައްވަ ވަނީ ބޮލުން ޖަހައި ގޯލުގެ އެތެރެއަށް ފޮނުވާލާފައެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ފައްވައެވެ.
މުކުރިމަގާއި މަތިމަރަދޫ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހަވީރުއެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކޮށް، 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ މަތިމަރަދުއެވެ.