ގަމުގައި 52 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ގަމު ކައުންސިލުން ބައިސަން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހައްދުންމަތީ ގަމުގައި 52 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ގަމު ކައުންސިލުން ބައިސަން ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބުދަ ދުވަހު ހެނދުނު ކައްދޫ ކިނބި ލޯންޖުގައި ކުރިޔަށްދިޔަ ޚާއްޞަ ހަފުލާއެއްގައި ގަމު ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަޙުމަދު ޒަކީއެވެ. އަދި ބައިސަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ، މުޙައްމަދު ޢަބްދުލްމަޖީދެވެ.
ބައިސަން އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން، ބައިނަލްއަޤުވާމީ ގިނަ އެވޯޑުތަކެއް ހޯދާފައިވާ ރިވެރީސް މޯލްޑިވްސް އަކީ ބައިސަންގެ ދަށުން ހިންގާ ހޮޓަލެކެވެ.
ގަމު ކައުންސިލުން ވަނީ ރަށުގައި ހިމެނޭ ޓުއަރިޒަމް ބިން ކުއްޔަށް ދިނުމަށް އިޢުލާނުކޮށްފައެވެ. ބައިސަން އިން ބިޑު ކާމިޔާބުކުރީ، ކުރިމަތިލެއްވި އިތުރު ފަރާތްތަކާ ވާދަކޮށް، އެންމެ މަތިން ޕޮއިންޓު ހޯދައިގެނެވެ. މި ބިމުގެ ބޮޑު މިނަކީ 50000 އަކަފޫޓެވެ. އަދި ބައިސަންއަށް މި ބިން ކުއްޔަށް ދީފައިވަނީ 35 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މި މުހިންމު މަޝްރޫޢުގެ ސަބަބުން، ގަމުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މީގެއިތުރުން، މި މަޝްރޫޢަކީ ރަށުގެ އިޤްތިޞާދަށް ފާހަގަ ކުރެވޭ ފަދަ ކުރިއެރުމެއް ގެނެސްދޭނެ ވަޞީލަތަކަށް ވެގެންދާނެއެވެ. މި ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން ގަމުގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.