ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ”ހަދިޔާ“ އެއް

ތެލެސީމިއާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކާއި އެކިއެކި ސަބަބުތަކާހުރެ ލޭ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ”ހަދިޔާ“ އެޕްލިކޭޝަން މެދުވެރިކޮށް ބޮޑު ލުޔެއް ލިބޭނެގޮތް މަގުފަހި ވެއްޖެއެވެ.

ސިއްހީ އެކި ކަންކަމަށް ފަރުވާ ހޯދުމަށް ލެޔަށް ”ސަލާމް“ ޖެހުމަކީ މިއަދު މުޅި ރާއްޖެއަށް ބަލާއިރުވެސް އާއްމުވެފައިވާ ކަމެކެވެ. ކޮންމެ ބާވަތެއްގެ ލޭ ކަމުގައިވިޔަސް، މިއަދު ރާއްޖެއިން ލިބެނީ ނުހަނު ތަކުލީފާއެކުއެވެ. މީސްމީޑިއާ ގައި ލޭ ހޯދުމަށް އާދޭސް ކުރާ ފަރާތްތަކުގެ އެފަދަ ޕޯސްޓެއް ނުފެންނަ ދުވަހެއް ނުދެއެވެ. ރާއްޖޭގައި ލޭ ހަދިޔާ ކުރާ ފަރާތްތައް މަދީކީ ނޫނެވެ. އެ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހޯދުމަށް ދަތިވަނީއެވެ.

އުކުޅަސް ހޯޕް، މޯލްޑިވިއަން ބްލަޑް ޑޯނާސް، ކޯޕް އަދި ހިދުމަތް ޖަމިއްޔާ  ގުޅިގެން މިއަދު ވަނީ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފައެވެ. ”ހަދިޔާ“ ނަމުގައި ހަދާފައިވާ އެޕްލިކޭޝަނަކީ ލޭ ހޯދާ ފަރާތްތަކާއި ލޭ ހަދިޔާ ކުރާ ފަރާތްތައް ގުޅުވައިދޭ މަންސައެކެވެ. މިއާއެކު، ލޭ ހޯދުމަށް މަސައްކަތް ކުރާ ފަރާތައް، އެ ފަރާތުން ހޯދުމަށް މަސައްކަތް ކުރާ ބާވަތުގެ ލޭ ހަދިޔާ ކޮށްދޭނެ ފަރާތްތަށް ހޯދުމަށް ފަސޭހަވާނެއެވެ.

”ހަދިޔާ“ ފަރާތުން މައުލޫމާތުދިން ގޮތުގައި މި އެޕްލިކޭޝަން ހެދުމުގެ މައިގަނޑު މަގުސަދަކީ ލޭ ހޯދުމަށް ސަލާމް ޖެހުން ހުއްޓާލުމެވެ. އަދި މިވަގުތު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިންވަނީ ހަދިޔާ އާއެކު ކުރިޔަށް ދިއުމަށް އެއްބަސްވެފައިކަމަށް މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން، އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުންވެސް ވަނީ ފެހި ސިގުނަލެއް ދެއްވާފައެވެ.

ހަދިޔާގެ ހަރަކާތްތައް އެންމެ ފުރަތަމަ ފެށީ ލ.އަތޮޅުގައެވެ. ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އާ ގުޅިގެން ކުރިޔަށް ގެންދިއުމަށް އެފަރާތްތަކުން ވަނީ ޖީއާރުއެޗުގެ އިސްވެރިއަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. ނަމަވެސް، ޖީއާރުއެޗުން މިއަދާ ހަމަޔަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހަދިޔާ އެޕްލިކޭޝަން މިހާރު ގޫގަލް އަދި އެޕަލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އެންޑްރޮއިޑް ލިންކް: https://play.google.com/store/apps/details?id=com.hadhiyaaapp

އައިއޯއެސް ލިންކް: https://apps.apple.com/mv/app/hadhiya/id6633423433

ހަދިޔާ ފަރާތުން މާތް މަގުސަދެއްގައި ކުރިޔަށްގެންދާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހައި ހޮސްޕިޓަލަކަށްވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. ޝައުގުވެރިވެލައްވާ ހޮސްޕިޓަލް / ސިއްހީ މަރުކަޒުތަކުން، އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަ ކުރުމުން ބައިވެރިވެވޭނެއެވެ.

ލޭ ހޯދާ ފަރާތްތަކާއި ލޭ ހަދިޔާކުރާ ވީހާވެސް ގިނަ ފަރާތްތަކުން މި އެޕްލިކޭޝަން ބޭނުންކުރެއްވުމަށް ހަދިޔާ ޓީމުން ވަނީ އެދިލައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments