ސިނގިރޭޓާ ދުރުވުމަށް ރަނުގެ ފުރުޞަތެއް.

ސިނގިރޭޓަކީ، ސިއްހަތަށް ނުރައްކާތެރި އެއްޗެއްކަން އެ ބޭނުންކުރާ ގިނަ މީހުން ދަނެއެވެ. އޭގެ އަސަރު އަދި އުނދަގޫ އެކުގައި އުޅޭ އެހެން މީހުންނަށް ޔައުނީ އާއިލާއަށާއި އެކުވެރިންނަށް ވެސް ކުރާކަން އެމީހުންނަށް އެނގެއެވެ. ސިނގިރޭޓުގައި އެހުންނަ ވަހުގެ ނުބައިކަމާއި، ސިއްހީގޮތުން އޭގެ ގެއްލުމާއި، އެއީ ވަރަށް ބޮޑު ބޭކާރު ހޭދައެއްކަންވެސް އެމީހުން ގަބޫލުކުރެއެވެ.
ސިނގިރޭޓުގެ އަވާގައި ޖެހިފައިވާ ގިނަ މީހުން އެކަން ކުރަނީ އެކަމުން ހަމަޖެހުމެއް ލިބޭކަމަށް ގަބޫލުކުރާތީ އެވެ. އެމީހުން ބުނާގޮތުގައި ވަރުބަލިކަމާއި ހާސްކަން ފިލައި ހަށިގަނޑަށް ޒާތެއްގެ ތަސައްލީއެއް ލިބޭކަމަށް އެމީހުން ދެކެއެވެ. ކަން މިހެން އޮތް ނަމަވެސް އެމީހުންގެ ތެރެއިން ގިނަ މީހުން، ހަމަ އެންމެންހެން އެމީހުން ލޯބިވާ އެހެން މީހަކު އެކަން ކުރާކަށް ހަގީގަތުގައި ބޭނުމެއް ނުވެއެވެ. މިސާލަކަށް ބުނާނަމަ ސިނގިރޭޓު ބޯމީހާ ވެސް އެނާގެ ދަރިއަކު އެކަން ކުރާކަށް ނުރުހެއެވެ.މާނަައަކީ އެކަމަކީ ރަނގަޅުކަމެއް ނޫންކަން ހުދު އެކަން ކުރާ މީހާ ގަބޫލުކުރެއެވެ. އެހެންނަމަވެސް ގިނަބަޔަކު އެކަން ކުރަނީ ފަސޭހައިން ލިބެން ހުންނާތީ އާއި، އެކުވެރިންގެ ތެރޭގައި އެ ސަގާފަތް އޮންނާތީއާއި، އެއިން ލިބޭ ގެއްލުމުގެ އަސަރު ވަގުތުން ފެންނަން ނުހުންނާތީ ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ އެމީހުން އެބުނާ ފަދައިން އެބުނާ ތަސައްލީ އާއި ހަމަޖެހުން ސިނގިރޭޓް ދަމާލާ ވަގުތުގައި ލިބެނީ ކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް ސިނގިރޭޓް ނުވަތަ ދުުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކަށް މިހާރު މި ގެންނަ ބަދަލުތަކާ ގުޅިގެން ސިނގިރޭޓުގެ އަގު މިވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ސިނގިރޭޓް ގެ ބަދަލުގައި ބޭނުންކުރަމުން އައި އެކިއެކި އާލާތްތައް ވެސް މިވަނީ މަނާ ވެފައެވެ. ބޮޑުއަގުގައި ސިނގިރޭޓް ގަތުން ނޫން ގޮތެއް ނެތް މިންވަރަށެވެ. މިކަން ވެގެން ދާނީ ސިނގިރޭޓަށް ދެވިހިފާފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ފިކުރަކަށެވެ. އެހެނީ މިހާރުވެސް ގިނަ މީހުން ތިބީ ލިބޭ އެތިކޮޅުން ނުފުދިގެން އެކިއެކި ސްކީމްތަކާއި، ބޭންކު ލޯނުތައް ބޮލުގައި އަޅައިގެންނެވެ. މިހާލުގައި ތިބެ ހެސްކިޔާފައި ބޮޑު އަގެއްގައި ސިނގިރޭޓް ގަނެގެން ބޯން އުޅުމަކީ މީހާ ދަރަނިވެރިވެ ބަނގުރޫޓު ވެދާނެ ކަމެކެވެ. އެހެންކަމުން މިދަނޑިވަޅުގައި ސިނގިރޭޓު ބުއިން ހުއްޓައިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރާނެ ރަނގަޅު ސަބަބެއް މިވަނީ ލިބިފައެވެ.
ދެން އޮތީ ”ވާވަރު ވެއްޖެއޭ ބޭނުންހާ ގޮތެއް ނުހެދޭނެއޭ“ ބުނެ މިކަމަށް ”ހޯހޯ“ ގޮވައިލުމެވެ. ސިނގިރޭޓަކަށް އަޅުވެތިވެގެން ނޫޅޭނަމޭ ބުނެ ހިތްވަރު ދައްކައިލުމެވެ. އެތެރެއަށް ދަމާލާފައި ވަޔަށް ބުރުއްސާލާ ދުންކޮޅަކަށްވުރެ ރަނގަޅު ކަމަކަށް އެފައިސާ ހޭދަ ކުރުމަށްޓަކައި ސިނގިރޭޓް ބުއިން އެކީއެކަށް ހުއްޓައިލުމެވެ.