ހާލު ރަނގަޅޭ ބުނަންޖެހެނީ، ހާލު ބަޔާންކޮށްދިނަސް އަޅާލާ މީހަކު ނެތީމައެވެ.

އެއީ އަހަރެންގެ ގާތް އެކުވެރިއެކެވެ. ދިމާ ނުވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ކައިވެންޏަށް ފަހު ހަބަރެއް ހިލަމެއް ނުވެއެވެ. ގުޅާވެސް ނުލައެވެ. ގުޅިއަސް ފޯނެއް ނުނަގައެވެ. ކައިވެނީގެ ގުޅުން ފެށުމުން އެކުވެރިކަމުގެ ގުޅުން މާޒީވެ އޭނާ އަހަރެންގެ މަތިން ހަނދާން ނެތުނީ ކަމުގައި ހީކޮށްލައިގެން ހުރީމެވެ. މިގޮތުގައި ދުވަސްތައް، މަސްތަކަކަށް މަސްތައް އަހަރު ތަކަކަށްވެ ހިނގައްޖެއެވެ.

ޒަމާންތައް ބަދަލުވެ ދައުރުވަމުން ދަނިކޮށް އެއްކަލަ ރަހުމަތްތެރިޔާ އަހަރެންގެ ލޮލުގައި އަޅައިގެންފިއެވެ. ކުޑަކުދިންގެ ޕާކެއްގެ ހަލަބޮލި މާހައުލަކުންނެވެ. އުރުގައި ތުއްތު އަންހެން ކުއްޖަކު އިނެވެ. ކުޑަކޮށް ގާތަށް ޖެހިލާފައި ސަލާން ގޮވާލުމުން ސަލާން ބަލައިގަތެވެ. ހާލު އަހާލުމުން ފަނޑު ހިނިތުންވެލުމަކައިއެކު ހާލު ރަނގަޅުކަމަށް ބުނެލާފައި، ރަކިގޮތަކަށް އިސްޖަހާލައި މަޑުމަޑުން ދުރަށް ހިނގައިގެންފިއެވެ.

ތަންކޮޅެއް އެކަހެރިކޮށް ހުރި ގޮނޑިއެއްގައި ގޮސް އިށީންދެއްޖެއެވެ. ސިއްރުކުރިއެއް ކަމަކު އޭނާ އެދަނީ ކޮންމެވެސް ހިތްދަތިކަމެއް ތަހައްމަލު ކުރަމުންކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. ތުންފަތުން ހިނިތުންވުމުގެ ސިފަ ދައްކަން އުޅުނެއް ކަމަކު ލޮލުގައި ހިތާމައިގެ އަސަރު ހުއްޓެވެ. މޫނުމަތިން މޮޅިވެރިކަމާއި ހާސްވެ ކަންބޮޑުވެފައިވާ ކަމުގެ ކުލަވަރު ފާޅުވެއެވެ. ހަށިގަނޑަށް އައިސްފައިހުރި ބަދަލުތަކާއި ވާހަކަ ދެއްކި ރާގާއި އޭނާގެ ޢަމަލުތައް އެކަމަށް ހެކި ވެއެވެ.

ގާތް ރަހުމަތްތެރިއަކަށް ވެފައި ހިތަށް ކުރި އަސަރަކުން ގާތަށް ލެފިލާފައި ކައިރީގައި އިށީނދެއްޖައީމެވެ. އެއަށްފަހު ތަންކޮޅެއް ހަރުކޮށް ކުރީގެ ސުވާލު ތަކުރާރުކޮށްލައިފީމެވެ. އެއާއިއެކު އިސްޖަހައިގެން އިނދެ ވާހަކަ ފަށައިފިއެވެ. މާޒީގެ ފަތްށްތަކުން ފަހަރަކު ބާބެއް ހުޅުވަން ފަށައިފިއެވެ. ޞަފުޙާ އަކަށް ފަހު ޞަފުޙާއެއް އެއްލަން ފަށައިފިއެވެ. ރޮމުން ގިސްލަމުން ކިޔައިދިނީ އެތައް އަނިޔާއެކެވެ. އެތައް ވޭނެކެވެ. މިވީ ދުވަސްތަކުގައި އެފަކީރު އުޅެމުން އައި ހާލެވެ. އަނިޔާއިން ފުރިފައިވާ ދިރިއުޅުމެކެވެ. ހިތާމަވެރި ހިތްދަތި ދުވަސްތަކެކެވެ. އުފަލެއް އަދި އުންމީދެއް ވެސް ނެތް ހަޔާތެކެވެ.

މިއީ އެންމެ މީހެކެވެ. އެކަމަކު މުޖުޠަމަޢުގައި މިކަހަލަ ކިތައް މީހުން އުޅޭނެ ހެއްޔެވެ. ކަރުނަތައް ފޮރުވާލާފައި ހިނިތުން ވުމުގެ ކުލަވަރު މޫނަށް ގެނެސްގެންނެވެ. ހިތާމަތަށް ސިއްރުކޮށް އުފާވެެރިކަމުގެ ސިފަތައް ބޭރުފުށުން ދައްކައިގެންނެވެ. ހިނިތުން ވެލާފައި ހާލު ރަނގަޅޭ ބުނަންޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ހާލު ބަޔާންކޮށްދިނަސް އަޅާލާ މީހަކު ނެތީމައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments