ކުޑަހުވަދޫ ފުޓްސަލް ޓީމުގެ ކޯޗަކަށް އޮންލީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ވާދަކުރާ ދ.ކުޑަހުވަދޫ ފުޓްސަލް ޓީމުގެ ކޯޗަކަށް، ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، ލ.ގަމު، ހުސައިން ޝަރީފް (އޮންލީ) ހަމަޖައްސައިފިއެވެ.

އޮންލީ އަކީ މިދިޔަ އަހަރުގެ މުބާރާތާ ހަމަޔަށް ގަމު ފުޓްސަލް ޓީމުގެ ކެޕްޓަނެވެ. އޭނާ ވަނީ ގަމާއެކު 2023 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޮންލީ އެވެ. އަދި މިދިޔަ އަހަރު ގަމުން ވަނީ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ. މީގެއިތުރުންވެސް އޮންލީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، މުބާރާތުގެ ލ.އަތޮޅު ބުރުގެ ޗެމްޕިއަންކަމާއި ޒޯން ބުރުގެ ޗެމްޕިއަންކަން އެކިފަހަރު މަތިން ހޯދާފައިވެއެވެ. އަދި ގަމުން މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އިރުވެސް ކެޕްޓަނަކީ އޮންލީ އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ފުޓްސަލް ކުޅުންތެރިންނާއި ސަޕޯޓަރުން އެންމެ އިހުތިރާމް ކުރާ އެއް ފުޓްސަލް ކުޅުންތެރިޔާ ކަމުގައިވާ އޮންލީއަށް މިއަހަރުގެ މުބާރަތް ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ އަހަރު އޭނާ ވަނީ ޕީސީއެލް ސާޖަރީއެއް ކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު ގަމުން ޗެރިޓީ ޝީލްޑް ދިފާއުކުރިއިރު، ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރީ އޮންލީ އެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުމުން އޮންލީ ވަނީ ކޯޗިން ކެރިއަރު ފަށާފައެވެ. އޮންލޯ ވަނީ ޑިސެންބަރު މަހު ކުރިޔަށްދިޔަ ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން އޭއެސްއެމްއެޗް ރެކްރިއޭޝަން ކްލަބް އާއެކު ހޯދާފައެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އޮންލީ އެވެ.

ކުޑަހުވަދޫން ވަނީ އޮންލީ އާއެކު މިދިޔަ ޑިސެންބަރު މަހު ފަރިތަކުރުން ފަށާފައެވެ. ކުޑަހުވަދޫ އަކީ ދ.އަތޮޅުގެ އެންމެ ކާމިޔާބު އެއް ޓީމެވެ.

މިއަހަރުގެ މުބާރާތުގައި ދ.އަތޮޅުން ބައިވެރިވެފައިވަނީ ތިން ޓީމެވެ. އެއީ ކުޑަހުވަދޫގެ އިތުރުން ބަނޑިދުއާއި މާއެނބޫދޫ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު ކުޑަހުވަދޫ ނިކުންނާނީ މާއެނބޫދޫއާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments