މުޖުޠަމަޢު ހަލާކުވެދާނީ ހަލާކު ކުރާ މީހާއާއިވެސް އެކުގައެވެ.

މިއީ އަހަރުމެން އެންމެން އުޅެމުން އަންނަ ކުޑަކުޑަ މުޖުޠަމައެކެވެ. މިތަނުގައި ރަނގަޅު ކަމެއް އާންމު ވިޔަސް އަދި ނުބައި ކަމެއް އާންމުވިނަމަވެސް އެކަމުގެ އަސަރު އަހަރުމެން އެންމެންނަށްވެސް ފޯރާނެތެވެ. އެގޮތުން ހުރިހައި ނުބައިކަމެއް ގެ އަސްލުކަމުގަައިވާ އެތައް މައްސަލައެއް އޭގެ ސަބަބުން އުފެދެމުން އަންނަ މަސްތުގެ ވަބާއަށް ނަޒަރު ކޮށްލާނަމެވެ.

ދުނިޔޭގެ ޒީނަތްތަކާއި ތަނަވަސްކަމާއި އޭގެ ލައްޒަތު އެދިގެން ތިބެ ސައިތާނީ ވަސްވާސް ތަކުގައި ޖެހި ލުއިމަގަކުން އަވަހަށް މުއްސަނދި ވުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން މިވަނީ މުޖުޠަމަޢުގައި ވަރަށް ބޮޑަށް އާންމުވެފައެވެ. ކަމުގެ ނުރައްކަލާއި، ނަތީޖާ މިބައިމީހުން ނުދަންނަ ކަހަލައެވެ. ނުވަތަ ވިސްނައިލުމެއްވެސް ނެތީއެވެ. ނޫންނަމަ އެނގިތިބެ އެކަމުގެ ގާފިލުވެތިބީއެވެ.

ދަންނަވަންތޯއެވެ. މަސްތުވާތަކެތި ވިއްކާ މީހާގެ މިސާލީ، ރަށުގެ އެތަންމިތަނުގައި ހުޅުޖަހުމަށްފަހު އޭނާގެ ގޮވެތީގައި ބޮނދާ އޮންނަ މީހެއްގެ މިސާލެވެ. އޭނާ ގޮވެތިން ބޭރަށް ނުކުންނަން ނުޖެހޭނެ ކަމަށާއި، އަނދަމުންދާ ހުޅުގަނޑު އޭނާގެ ގޮވެއްޗަށް ނުފެތުރޭނެކަމަށް އޭނާ ހީކުރަނީ ހެއްޔެވެ. އެހެނަކުން ނުވާނެއެވެ. ފަހެ އޭނާ އެރޯކުރި އަލިފާނުގައި އޭނާގެ އާއިލާއާއި، ޖާނާއިމާލާއި، މުޅި ދިރިއުޅުން އަނދައި ހުލިވާތަން އޭނާ ދެކޭނެއެވެ.

ދުނިޔެވީ ލައްޒަތަށް އެދި ހުޅުޖަހައި އަންދަމުން އެގެންދަނީ މާދަމާ އެމީހުންނާއި، އަހަރުމެން އަދި އެމީހުންގެ ދަރިންނާއި، އަހަރުމެންގެ ދަރިންވެސް ހިނގަން އޮތް މަގުތަކުގައެވެ. ބަނަކަމާއި، ނުރައްކަލުގެ ތެރެއަށް ތިޔަ ވައްޓައިލަނީ މިއެންމެން ދިރިއުޅެން އޮތް މާހަޢުލެވެ. މިޖައްވުގައި ދައުރުވާ ވިހައެއްވިއްޔާ ތިބާގެ ހިނދުރިންވެސް އެތެރެވާނޭކަން ކަށަވަރެވެ. އެންމެ އުންމީދު ނުކުރާ ފަދައިން ކަންތައްތައް ވެގެން ދަނީ ކިތައް ފަހަރު ތޯއެވެ؟ އެފަދަ ސުންޕާ ގޮތަކަށް ކަންތައް ދިމާ ވެއްޖެނަމަ އެކަމުގެ ނުހޮރުއްޕާނާއި، ދުއްތުރާ މިހާރު ތިޔަ ލިބޭ ވަގުތީ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުވެގެންވެއެވެ.

ވިސްނައި ފިކުރު ކުރާށެވެ. މަސްތުވާތަކެތީގެ ވަބާގައި ބަރުބާދުވެފައިވަނީ ކިތައްކިތައް އާއިލާތޯއެވެ. ރަނގަޅު ދިހަބާރަ ކުދިން ތިބި އާއިލާތައްވެސް މަސްތުވާ އެންމެ ކުއްޖެއްގެ ސަބަބުން ފަނާވެ ހަނާވަމުން ދާތީ ތިބާ ދެކޭނެއެވެ. މަސްތުވާ ބައްޕަގެ ސަބަބުން ދަރިންތައް ނިކަމެތިވެ ލާޗާރުބިޗާރު ވެފައިވާތަން ތިބާ ދެކޭނެއެވެ. މަސްތުވާ މަންމަގެ ސަބަބުން މައުސޫމް ޅަދަރީންތައް އާއިލީ ލޯބިންމަޙުރޫމްވެ ޔަތީމުޚާނާ ތަކުގައިވާކަން ތިބާވެސް ދަންނާނެއެވެ. މަސްތުގެ ހުޅުގަނޑަކުން މުޅި މުޖުޠަމަޢު އަނދައި ހުލިވާއިރު ފިލައި ހުރެވޭނީ ކާކަށްތޯއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments