ގަމު ފުޓްސަލް ޓީމުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ވާދަކުރާ ލ.ގަމު ފުޓްސަލް ޓީމުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފިއެވެ.

ގަމު ފުޓްސަލް ޓީމާއި ލާމު އެމްވީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ޓީމުގެ ހުރިހައި އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެއެވެ. އޭގެތެރޭގައި ޓީމުން ކުޅޭ މެޗު ތަކުގެ މައުލޫމާތާއި، މުބާރާތުގެ ތައްޔާރީތަކާއި ކުޅުންތެރިންގެ މައުލޫމާތު ހިމެނެއެވެ.

ގަމު ފުޓްސަލް ޓީމަކީ މި މުބާރާތުގައި ވާދަކުރާ ލ.އަތޮޅުގެ ޓީމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން، ގަމުން ވަނީ 2023 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. މިއާއެކު، މުބާރާތް ކާމިޔާބުކުރި ލ.އަތޮޅުގެ ހަމައެކަނި ޓީމަކީ ގަމެވެ.

ގަމުން ވަނީ ދާދި ފަހުން ކުޅުނު ގޯލްޑަން ފުޓްސަލް ޗެރިޓީ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ބ.އޭދަފުށިގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޝީލްޑް ދިފާއުކޮށްފައެވެ. މިދިޔަ އަހަރުގެ ޗެރިޓީ މެޗުވެސް ކާމިޔާބުކޮށްފައިވަނީ ގަމުންނެވެ. އެހެންކަމުން، ޗެރިޓީ ޝީލްޑް ވިދިވިދިގެން ދެފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަކީވެސް ގަމެވެ.

މިއަހަރުގެ މުބާރާތުގައިވެސް ލ.އަތޮޅުގެ ފެވަރިޓުންނަކީ ގަމު ފުޓްސަލް ޓީމު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެ ޓީމުނެ ވަނީ ފަސް ފަހަރު އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 2017، 2018، 2019، 2023 އަދި 2024 އެވެ. މީގެއިތުރުން، ގަމުން ވަނީ 2017، 2018، 2019 އަދި 2024 ވަނަ އަހަރު ޒޯން ޗެމްޕިއަންކަންވެސް ހޯދާފައެވެ.

މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ގަން ނިކުންނާނީ މާވަށާ ދެކޮޅަށެވެ. އަދި މި މަހު 18 ވަނަ ދުވަހު ބައްދަލުކުރަނީ މާބައިދޫ އާއެވެ.

ޓީމުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސާފައިވާއިރު މެއިން ސްޕޯންސަރަކީ ހައްދުންމަތީ ގަމު ކައުންސިލެވެ. މިއަހަރުގެ މުބާރާތުގައި ޓީމުގެ ހަރަދުތައް ބަލަހައްޓާނީ ގަމު ކައުންސިލުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments