ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭހެން ގަމު ފުޓްސަލް ޓީމް އެކުލަވާލައިފި

ލ.ގަމު ފުޓްސަލް ޓީމުން މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރަށް ތަމްސީލުކުރާނެ ސްކޮޑު އެކުލަވާލައިފިއެވެ.
މިއަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރުމަށްފަހު، ގަމު ފުޓްސަލް ޓީމުން ވަނީ ބަދަލުތަކަކާއެކު ރަސްމީ ސްކޮޑް އެކުލަވާލާފައެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގަމު ފުޓްސަލް ޓީމަކީވެސް ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެކެވެ.
މިއަހަރުގެ މުބާރާތުގައި ޓީމު ލީޑް ކުރާނީ ތަޖުރިބާކާރު ކުޅުންތެރިން ކަމުގައިވާ އަބްދުﷲ ޖުނެއިދު (ޖޭންނެ)، އަހުމަދު ހަލީމް (އައްމަޑޭ)، ހުސައިން ނާޝިދު (ނާއްޓޯ) އަދި އަލީ ޝާމިސް (ތޮއްޕެ) އެވެ. މީގެއިތުރުން، އަނިޔާއިން ރަނގަޅު ވުމަށްފަހު އަހުމަދު އަޖުވަދު (އަޖޭ) ވަނީ އަލުން ޓީމާ ގުޅިފައެވެ. އަޖޭ އަކީ އަނިޔާވުމުގެ ކުރިން، ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. އަނިޔާވި ފަހުންވެސް، އޭނާ ވަނީ އޮފިޝަލެއްގެ ގޮތުގައި ޓީމާއެކު މަސައްކަތް ކޮށްފައެވެ.
މިފަހަރުގެ ސްކޮޑަށް އިތުރުކުރެވުނު ކުޅުންތެރިންގެ ތެރޭގައި މުހައްމަދު މުސްލިހު އާއި ޖުނެއިހު އަބްދުﷲ (ޖަޑާ) ހިމެނެއެވެ. މުސްލިހު އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ.
ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން، މިވަގުތު އެންމެ ކުރިއަރަމުން އަންނަ ކުޅުންތެރިންނަށްވެސް ޓީމުން ފުރުސަތު ދީފައިވެއެވެ. އޭގެތެރޭގައި މުހައްމަދު އަކްމަލް (އަކޭ)، މުހައްމަދު ރަޒާން (ރާއްކޮ)، ހުސައިން އަޒްމީ އަދި ޒައިދާން އަބްދުﷲ (ޒައިއްކޮ) ހިމެނެއެވެ.
މިއަހަރުގެ މުބާރާތުގައި ޓީމުގެ ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރުން ކަމުގައިވާ މުހައްމަދު ލުފްޝާން (ޕަފް) އާއި އަހުމަދު ހުޝާމް (ގުންޒާލޯ) ގެ އިތުރުން ޒުވާން ކީޕަރު، ހުސައިން ސާއިލް އެވެ. ޓީމުގެ ކޯޗަކީ އިސްމާއިލް ޝަރީފް (އިއްސެ) އެވެ. އެސިސްޓެންޓް ކޯޗަކަށް އިބްރާހިމް ރަޝީދު (ފީގޯ) ހަމަޖައްސާފައިވާއިރު މެނޭޖަރަކީ ސަމާހު އަބްދުއް ރަޝީދު (ސަމަން) އެވެ.
ގަމުން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުމަށް ނިކުންނައިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ ސަބަބުން، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވާ ހުސައިން ޝަރީފް (އޮންލީ) އަށް ނުކުޅެވުމެވެ. އޮންލީ މިފަހަރު ފެންނާނީ ދ.ކުޑަހުވަދޫ ޓީމުގެ ކޯޗުގެ ގޮތުގައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެރޭ ގަން ނިކުންނާނީ މާވަށާ ދެކޮޅަށެވެ.