ގޯލްޑެން ފުޓްސަލް ޗެލެންޖް: ގަމަށް ވަރުގަދަ ފެށުމެއް

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ލ.ގަމުން އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުން 6-1 ގެ ނަތީޖާއަކުން މާވަށް ބަލިކޮށް ފެށުން ވަރުގަދަކޮށްފިއެވެ.
ލ.އަތޮޅު ބުރުގެ މެޗުތައް ފަށާފައިވަނީ ރޭގައެވެ. އެގޮތުން، ގުރޫޕު ”އޭ“ ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގަމާއި މާވަށެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މާވަށުންނެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައު މާވަށަށް ލަނޑު ޖަހައިދިނީ އަހުމަދު މުހައްމަދެވެ.
ގަމުން މެޗުގެ ނަތީޖާ އަނބުރާލުމަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. އެގޮތުން، މެޗުގެ ނުވަވަނަ މިނެޓުގައި އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި، ގަމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް ގަމަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ.
ދެވަނަ ހާފު ފެށިގެންވެސް ގަމުން ކުޅުނީ އިތުރު ލަނޑުތަކެއް ޖަހައި ލީޑު ފުޅާކުރުމަށެވެ. އެގޮތުން، ދެވަނަ ހާފު ފެށިގެން މުހައްމަދު މުސްލިހު (މުއްޓި) ވަނީ ގާތްގާތު ދެ ލަނޑު ޖަހައި، ގަމަށް ބޮޑު ލީޑެއް ހޯދަދީފައެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ގަމުގެ ހަވަނަ ލަނޑު ކާމިޔާބުކުރީ ހުސައިން އަޒުމީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައްމަޑޭ އެވެ.
މި މަހު 18 ވަނަ ދުވަހު ގަން ނިކުންނާނީ މާބައިދޫއާ ދެކޮޅަށެވެ. އެއީ ގުރޫޕް ސްޓޭޖުގައި ގަމުން ކުޅޭނެ ފަހު މެޗެވެ.