ގޯލްޑެން ފުޓްސަލް ޗެލެންޖް: ކަލައިދުއާއި މުންޑޫ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ލ.އަތޮޅު ބުރުގައި ރޭ ގުރޫޕު ”ބީ“ ގެ ކަލައިދުއާއި މުންޑޫ ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ގުރޫޕު ”ބީ“ ގެ ފުރަތަމަ މެޗުގައި ރޭ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މުންޑޫންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު ހާފިޒް އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ހަސަން މާދު ވަނީ ލަނޑެއް ޖަހައި، ކަލައިދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
މުންޑޫން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. އެގޮތުން، ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި މުހައްމަދު ނިޝާހު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އަލުން ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ހާފިޒް ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފައެވެ.
މުންޑޫން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ކަލައިދުއަށް އުއްމީދު އައުކޮށްދިނީ ޖައުފަރު އަހުމަދެވެ. އޭނާ ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ކަލައިދުއަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަހުމަދު އައްސަދު ވަނީ ކަލައިދުއަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުންޑޫ ޓީމުގެ ހާފިޒް އެވެ.
މި ގުރޫޕުގެ ދެވަނަ މެޗުގައި މި މަހު 18 ވަނަ ދުވަހު ކަލައިދޫ ނިކުންނާނީ އިސްދުއާ ދެކޮޅަށެވެ.